ރެއާލް މެޑްރިޑްގެ ތާރީހުގައި 36 ވަނަ ފަހަރަށް އެ ޓީމުން ލަލީގާ ކާމިޔާބު ކޮށްފިއެވެ.
ލީގުގައި ބާކީ ހަތަރު މެޗު އޮތް ކަމުގައިވިއަސް, ރޭގައި ކަޑިޒް އަތުން 3-0 އިން މޮޅުވެ ރެއާލް ވަނީ ލީގުގެ ދެވަނައިގައި އޮތް ޓީމަށް އަތު ނުފޯރާ ހަމައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ ރޭގައި ޖިރޯނާ އަތުން ބަލިވެ ތާވަލުގެ ތިންވަނައަށް ވެއްޓުމާއެކު ރެއާލަށް ވަނީ އެއްވަނަ ކަށަވަރު ކުރެވިފައެވެ.
ރޭގައި ރެއާލް ކަޑިޒްއާ ބައްދަލު ކުރި މެޗުގައި ކާމިޔާބު ކުރި ތިން ލަނޑު ޖަހައިދިނީ, ބްރާހިމް ޑިއާޒް, ޖޫޑް ބެލިންހަމް އަދި ޖޮސެލޫއެވެ. ކަޑިޒް އަތުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް ވަނީ ލަލީގާގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ރެއާލަށް ޗެމްޕިއަންކަން ކަށަވަރުވީ ދެވަނައިގައި އޮތް ބާސާ, ޖިރޯނާ އަތުން 4-2 އިން ބަލިވުމުންނެވެ. އެއާއެކު ދެން ލީގުގައި ރެއާލް ފަހާލުމުގެ ފުރުސަތެއް އެއްވެސް ޓީމަކަށް ނެތެވެ.
ތާވަލު މިހާރު އޮތް ގޮތުން ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 34 މެޗުން ލިބުނު 87 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ރޭގައި ބާސާ ލަދުގަންނުވާލި ޖިރޯނާއެވެ. އެ ޓީމަށް ވަނީ ކުޅުނު 34 މެޗުން 74 ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އޮތް ބާސާއަށް ލިބިފައިވަނީ 73 ޕޮއިންޓެވެ. ހަތަރު ވަނައިގައި 67 ޕޮއިންޓާއެކު އޮތީ ޑިއޭގޯ ސިމިއޯނޭގެ އިރުޝާދުގެ ދަށުން ކުޅޭ އެޓްލެޓިކޯ މެޑްރިޑެވެ.