ސީޒަން ނިމުމުން ލިވަޕޫލު ދޫކޮށްލާނެ ކަމަށް މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ އަދި ޑިފެންޑަރު ޖޮއެލް މެޓިޕް އިއުލާނުކޮށްފިއެވެ.

މި ސީޒަން ނިމުމުން ހަމަވާ ކޮންޓްރެކްޓް އާ ނުކޮށް, ދެ ކުޅުންތެރިން ކްލަބު ދޫކޮށްލާނެ ކަމަށް ލިވަޕޫލުް އިއުލާނުކުރީ މި ދިޔަ ހުކުރު ދުވަހުއެވެ.

32 އަހަރުގެ ޑިފެންޑަރު ޖޮއެލް މެޓިޕްއަކީ 2016 ވަނަ އަހަރު ޝޯލްކޭއިން ހިލޭ ލިވަޕޫލާ ގުޅުނު ކުޅުންތެރިޔެކެވެ. މެޓިޕްއަކީ ލިވަޕޫލުގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕު ލިވަޕޫލާ ގުޅުނު ފަހުން އެންމެ ފުރަތަމަ ސޮއިކުރި އެއް ކުޅުންތެރިޔާކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ލިވަޕޫލުގައި މެޓިޕް ހޭދަ ކުރި އަށް އަހަރުގައި އޭނާ ވަނީ ލިވަޕޫލަށް 258 މެޗު ކުޅެދީ 7 ތަށި ކާމިޔާބު ކޮށްފައެވެ.

2020 ވަނަ އަހަރު ބަޔާން މިއުނިކުން 25 މިލިއަން ޑޮލަރުގެ އަގަކަށް ލިވަޕޫލާ ގުޅުނު ތިއާގޯ ވެސް ކޮންޓްރެކްޓް އާ ނުކޮށް ލިވަޕޫލު ދޫކޮށްލަން ވަނީ ނިންމާފައެވެ. އިންޖަރީގެ ސަބަބުން ކުޅުމުގެ ދުރުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު ތިއާގޯއަށް ލިވަޕޫލުގައި ހޭދަ ކުރި ހަތަރު އަހަރުގައި ކުޅެވުނީ ޖުމްލަ 98 މެޗެވެ.

ދެ ކުޅުންތެރިން ލިވަޕޫލުގެ ޖާރޒީގައި ނިކުންނާނެ އެންމެ ފަހު މެޗަކީ މާދަމާ ލިވަޕޫލާ ވޫލްވްސް ބައްދަލުކުރާ މެޗެވެ. ނަމަވެސް ދެ ކުޅުންތެރިން މި ވަގުތު ތިބީ އިންޖަރީގައި ކަމަށް ވާތީ މި މެޗުގައި ދެ ކުޅުންތެރިން ބައިވެރިއެއް ނުވާނެއެވެ.