މިސްރުގައި ބޭއްވި 29ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި ދެވަނަ ފާތިމަތު ޝާޔާ ޒާހިރު ހޯދުމާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.

މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްއާއި، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝާޔާއާއި ބައްދަލުކުރައްވައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޝާޔާއަށް މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައިކަމަށެވެ. އަދި ޝާޔާގެ މައިންބަފައިން ކުރައްވަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި، ހެޔޮޖަޒާދެއްވާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވެ އެކަމަށް ޝުކުރުއަދާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތަށް ބައިވެރިއެއް ހޮވާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ބައިވެރިވާން ކުރިމަތިލި ބައިވެރިން އިމްތިހާނުކޮށް އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު ބައިވެރިއަކީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 8ގައި ކިޔަވަމުންދާ އުމުރުން 14 އަހަރުގެ ފާތިމަތު ޝާޔާ މޫސާ ޒާހިރެވެ.

މި މުބާރާތުގައި ޝާޔާ ބައިވެރިވެފައިވަނީ ޢަރަބިން ވާހަކަނުދައްކާ ޤައުމުތަކުގެތެރެއިން، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ. މި ބައިން ޝާޔާ ފަޚްރުވެރި 2 ވަނަ ޙާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނީ އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެންނެވެ.

އެގޮތުން މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް 150000 (އެއްލައްކަ ފަންސާސް ހާސް) މިޞްރު ޕައުންޑް އިނާމެއްގެ ގޮތުގައިވަނީ ލިބިފައެވެ.

ޝާޔާއަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަދު ޙާސިލްކޮށްފައިވާ ދަރިވަރެކެވެ.