މި ފެބްރުއަރީމަހުގެ 6 ވަނަ ދުވަހު އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލު ކުރި މެޗްގައި ގުރައިދޫ ޓީމުގެ ކުޅުންތެރިންނާއި ބެލެނެވެރިން އަދި ޓީމުގެ އޮފިޝަލުންނަށް އެފްއޭއެމްއިން ފިޔަވަޅު އަޅައިފިއެވެ.

އިންޓަސްކޫލު މުބާރާތުގެ ސެމީފައިނަލުގައި ކަލާފާނު ސުކޫލު 1-2 އިން މޮޅުވި މެޗަށްފަހު ކ. ގުރައިދޫ ސްކޫލުގެ ޓީމާއި، ޓީމުގެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިން ހިންގާފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެފްއޭއެމްއިން އަޅާފައިވާ ފިޔަވަޅަކީ، އެ އެސޯއޭޝަނުން ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭގޮތަށް ކުރިޔަށް އޮތް 1 އަހަރަށް، ގުރައިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ސަސްޕެންޑް ކުރުމަށެވެ.

މީގެ އިތުރުން ގުރައިދޫ ޓީމުގައި ހިމެނޭ 3 ކުޅުންތެރިއެއް ކަމަށްވާ ހުސެއިން ރަޒީންއާއި މޫސާ އައިލަމް އަދި ހަސަން ރަޒާން 2 އަހަރަށް ސަސްޕެންޑް ކުރުމަށްވެސް އެފްއޭއޭމްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

އަދިވެސް ގުރައިދޫ ޓީމުން ބައިވެރިވާ އެއްވެސް މުބާރާތެއްގައި، 10 މެޗް ހަމަވަންދެން، އެއްވެސް މެޗަކަށް އެޓީމުގެ ސަޕޯޓަރުން ދަނޑަށް ވެއްދުންވެސް ޑިސިޕްލިނަރީ ކޮމިޓީން ވަނީ މަނާ ކޮށްފައެވެ.

މެޗްގެ އޮފިޝަލުންނަށް، ގުރައިދޫ ޓީމުގެ ކުޅުންތެރިންނާއި އަދި އޮފިޝަލުންވެސް ހަމަލާދޭން މަސައްކަތް ކޮށްފައިވާކަން އެނގެން ހުރިކަމުގައިވެސް އެފްއޭއިން ބުނެފަވެއެވެ.