މިދިޔަ ހޯމަ ދުވަހު، ސީރިއާގެ ބަޔަކަށާއިއެކު ތުރުކީއަށް އައި ދެ ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމުލަ 14 ދިވެހިން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން އަވަހަށް ރަޖިސްޓާވުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ބިންހެލުމާ ގުޅިގެން މިނިސްޓްރީން އަންނަނީ ތުރުކީގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށް އެ މިނިސްޓަރީއިން ވަނީ އެދިފައެވެ.