ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ރަސްމާދޫގައި ނުހިންގާވަރަށް ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް މިސަރުކާރުން ވަނީ ހިންގާފައި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެކައުންސިލުން ބުނެފައިވަނީ މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް ކައުންސިލުން ކުރާކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްގީއާބެހޭ ގޮތުން ކައުންސިލާއެކު މަޝްވަރާ ކުރައްވައިފައެވެ. ރަސްމާދޫ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން އެ ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައިފައެވެ. އެހެން ކަމުން އެރަށުގައި ފްލެޓް އެޅުމަށް ބޭނުންވާކަމަށް ރައީސަށް ދެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުންޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ރައީސަށް ދަންނަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފަވެ.

މީގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްެރަށުގެ އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.