މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު މިއަދު ވިދާޅުވީ އެރަށް ހުޅުވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ.

މިޢްވާން ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ދިޔުމަށް ކުޑަގިރި އެޕްގެ ބޭނުން ހިފައިގެން ގިނަ ރައްޔިތުންތަކެއް އެރަށަށް ދަތުރުދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިރަށަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ތަރައްގީ ކޮށްފައިވާ ރަށެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިޢްވާން ވަނީ އުފާވެރި އެހެން ޚަބަރެއް ވެސް ދެއްވައިފައެވެ. އެއީ އަންނަ ޖޫން މަސް ނިމުމުގެ ކުރިން މާލެ ސަރަޙައްދުން ދޫކުރާ ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރައްވާނޭ ވާހަކައެވެ. ކުރިން އިޢުލާނު ކުރައްވާފައިވާ މިންވަރަށް ވުރެ މާލެ ސަރަޙައްދުން ދޫކުރާ ގޯތީގެ ޢަދަދު އިތުރުކުރައްވާނެކަން ރައިސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަންނަ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އިޢުލާންކުރައްވާފައިވާ ކަމުގައި ވެސް މިޢްވާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ޢުމްރާނީ ތަރައްޤީގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި މިޢްވާން ވިދާޅުވިއެވެ.