ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ދައްކާ ވާހަކައެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިއުވާން ވިދާޅުވީ ގާނޫނުއަސާސީގައި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް އޮންނަކަމަށާއި ގާނޫނުއަސާސީގަ ވަރަށް ސާފު ސަރީހަ ބަހުން އެކަން ބަޔާން ކުރެވިފައި އޮންނަ ކަމަށެވެ. ތަކުރާރުކޮށް މިއުވާން ވިދާޅުވީ ބިންތަކާ ގުޅިގެން އެޗްޑީސީން ކުރާ އިއުލާންތަކުގައި ވެސް ފާހަގަކޮށްފައިވާނޭހެން ތިލަފުށީގެ ބިންތައް ދިގުމުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ދެނީ ކުއްޔަށް ކަމަށެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ދިގު މުއްދަތަށް، 99 އަހަރަށް، ނުވަތަ 49 އަހަރަށް، 50 އަހަރަށް ކުއްޔަށް ނަގާފައި ހުންނާނެ، ހަމަ ބޭރުގެ އިންވެސްޓަރުން އެއީ. އެ ރިސޯޓު ވިއްކާލަނީކީ ނޫނެއް ނޫންތޯ އެއީކީ. އެ ގޮތަށް ހަމަ ރާއްޖޭގެ ސިނާއީ މަސައްކަތް ކުރާ ރަށަކުން ބިމެއް ކުއްޔަށް ދޫކުރާ ވާހަކަ މި ދެކެވެނީ." މިއުވާން ވިދާޅުވި އެވެ. "އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު މިކަން ސިފަކުރާނީ."

މިހާރު ވެސް ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން ރިސޯޓް ތަރައްގީކޮށް، ހިންގަމުން ގެންދަނީ ދިގު މުއްދަތަކަށް ރަށްތައް ކުއްޔަށް ނަގައިގެންކަން ވެސް މިއުވާން ފާހަގަކުރެއްވި އެވެ.