ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރޭއިން މިރޭ ކުރިއަށްގެންދާ މުޒާހަރާގައި މިހާތަނަށް 8 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ކޮލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒާހަރާތަކުގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެ ކޯލިޝަނުން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ. އޭގެ އިތުރުން މުޒާހަރާ ރޫޅާލުމުގައި އަނިޔާވެރި ނުވުމަށާއި އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ނުކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

މިރޭގެ މުޒާހަރާގައި ވެސް މައިގަނޑު ކަމެއްގެ ގޮތުގައި އޮތީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލުމެވެ. ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޕީޕީއެމް/ޕީއެންސީން ބުނެފައިވަަނީ ރައީސް ޔާމީން ނޫން ރިޔާސީ ކެންޑިޑޭޓެއް ބޭނުންނުވާ ކަމަށެވެ. މިއަހަރު ސެޕްޓެމްބަރު ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނޭ ކަމަށާއި އެމަނިކުފާނުގެ ނަން ނެތް އިންތިޚާބެއް ނުބޭއްވޭނޭ ކަމަށް ކޯލިޝަނުގެ ބައެއް ލީޑަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ މާރިޗުމަހު ރައީސް ޔާމީން މިނިވަންވާނޭ ކަމަށް މެދުކުރެވޭ އުންމީދު ބޮޑު ކަމަށެވެ.