ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި ޢަދުލު އިންސާފު ގާއިމުކޮށްދެއްވައި އަނިޔާއިން އެއްކިބާވެ ޢަދުލަށް ނިޔާ ކަނޑައަޅުއްވައި، ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް އެކަންކުރެވޭނީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ، ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމުގައި ހައްދަވައިގެން ކަމަށެވެ. އޭގެ އިތުރުން އެމާޒަށް ވާސިލްވުމަށްޓަކައި ފަނޑިޔާރުންގެ ޙުކުމްތައް ބިނާކުރާ މަޞްދަރަކީ، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ކަމަށް ހައްދަވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަނޑިޔާރުން އެގޮތަށް ޢަމަލުކުރެއްވުމުގެ މިނިވަންކަމާއި ބާރު، ރާއްޖޭގެ ޤާނޫނުއަސާސީން ފަނޑިޔާރުގެއަށް ލިބިދީފައިވާ ކަމަށެވެ. ޝަރުޢީ ދާއިރާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަނޑިޔާރުގެ ނުވަތަ ފަނޑިޔާރުންނާމެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ ޢަދުލަށް ޙުކުމް ކުރައްވައިގެން ކަމަށެވެ. އޭގެއިތުރުން އެ ޙުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ޙުކުމަކަށް ވާންޖެހޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައްޔިތުން މިހާރުވެސް އެންމެ ބޮޑަށް ޝަކުވާ ކުރާ އެއްކަމަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ޝަކުވާއަށް ހޯދައިދެވުނު އެއް ޙައްލަކީ، އޮންލައިންކޮށް ޝަރީޢަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައިވެސް ޤާއިމްކޮށް ނިންމުން. މި ބަދަލުގެ ސަބަބުން، ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި، ކުރަންޖެހޭ އެތައް ޚަރަދަކުން ސަލާމަތްވެސް ވެއްޖެ. މިހާރު ކުރިއަށްދާ އަނެއް މުހިންމު ކަމަކީ، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 2020 ވަނަ އަހަރު ފެށި މަސައްކަތް. މިދިޔަ ދެ އަހަރުގެ ތެރޭގައި، އެ މަސައްކަތަށް ޖުމްލަ 22.6 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ޝަރުޢީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާ ބަޖެޓެއް ކަމަށެވެ. އެހެންނަމަވެސް މި އަހަރު ޝަރުޢީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ އިތުރުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. ކޯޓުތަކުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އެއް އިޞްލާޙަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުން. އެއީ މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞްގައި ހިމެނޭ މައްސަލަތައް ބެލުމަށް އުފައްދާ ކޯޓުތަކެއް. އެ ކޯޓުތައް އުފެދުމުން، ރަށްރަށުގައި ދިރިއުޅޭ މީހުން ޢަދުލު އިންޞާފަށް ވާޞިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވާނީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފްކުރަށް މިހާރުވަނީ ހުށަހަޅާފައި ކަމަށެވެ. އޭގެ ސަބަބުން، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް، އަވަހަށް ނިންމުމަށް މަގު ފަހިވެގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރުގެ ފަހުކޮޅު ކޯޓުތަކުގައި އެ ސިސްޓަމް ބޭނުންކުރަން ފެށޭވަރުވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.