"ޖެންސް ކަލެކްޝަން" އަކީ ފުރަތަމަ ނަޒަރުންވެސް އަޅައިގަންނަ ފަދަ ޕޭޖެކެވެ. ރައްޓެއްސަކަށް ހަދިޔާއެއް ދިއްކޮށްލަން އެއްޗެއް ގަންނަން ފިހާރައަކަށް ވަދެއްޖެ ނަމަ ޔަގީނުންވެސް އަތުން ދާނެ ޚަރަދު ބޮޑު ވާނެ އެވެ. އަމުދުން ބޭނުން ވާ އެއްޗެއް ބޭނުން ވައްތަރަކަށް ތައްޔާރުކޮށްދޭ ނަމަ ކުރަން ޖެހޭ ހޭދަ ބޮޑެެވެ. ގިނަފަހަރު އަތުން ހޭދަކުރި އަގާ އެކަށީގެންވާހާ ހިތްގައިމު އެއްޗެއް އޮންނަނީ ނުލިބިފައެވެ. މި ހާސްވުމާއި ކަންބޮޑު ވުމަށް ހައްލެއް ގެނެސްދެނީ "ޖެންސް ކަލެކްޝަން" ގެ އުފެއްދުންތަކެވެ. އަމުދުން ދަރިފުޅުގެ ޕާޓީ ހެދުމާ ގުޅޭ ހެއާ ބޭންްޑް، ނެކްލެސް ކަހަލަ އުފެއްދުންތައް ހޯދަން "ޖެންސް ކަލެކްޝަން" އަކީ ހަމަ އެންމެ އެކަށީގެންވާ ބްރޭންޑެކެވެ.

"ޖެންސް ކަލެކްޝަން"ގެ ބާނީ، ކ ކާށިދޫ ފިނިވާގޭ ހުސައިން މޫސާއާއި މާލެސިޓީ ހ.ރޯޒީވިލާ އަލްމަރުހޫމާ ޝަކީލާ ސަލީމުގެ އެންމެ ހަގު އަދި ހަަމައެކަނި އަންހެން ދަރިފުޅު ފާތިމަތު ޖެނީ ހުސައިން، އާ ބައްދަލުކޮށްލަން ދިޔައީ މި ދުވަހުގެ ޚާއްސަކަން އެއްވެސް ވަރަކަށް ނޭނގިއެވެ. މިިހާ ތާރީހީ ދުވަހެއް ކަން ނޭނގޭތީވެ މާ ޚއްސަ މަރުހަބާއެއްވެސް ނުކިޔޭނެ ތާއެވެ.

ކަންދިމާވި ގޮތުން "ޖެންސް ކަލެކްޝަން"ގެ މައުލޫމާތުކޮޅެއް ހޯދާލަން ދެވުނު ދުވަސް މިވީ ހާއްސަ ދުވަހަކަށެވެ. ޖެނީގެ ހަޔާތުގެ ވަރަށްވެސް މުހިންމު ރޯލެއް އަދާ ކުރާ "ޖެންސް ކަލެކްޝަން" އަށް 7 އަަހަރު ފުރުނު ތާރީހީ ދުވަހެވެ.

މެދުނުކެނޑި 7 އަހަރު ދުވަހު އެއްކަމެއްގައި ދެމިހުރުމަކީ ފަސޭހަ ކަމެއްނޫނެވެ. އަމުދުން ޖެނީ ފަދަ ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖެއް ގެންގުޅޭ މަންމައަކަށް މިއީ އެހާ ފަސޭހަ ކަމެއްތޯ ސުވާލު އުފެދުނެވެ. ޖެނީގެ ހަޔާތުގައި އޭނާ ކުރާ ކޮންމެ ކަމެއްގައިވެސް އެއްމިންގަނޑެއްގައި ދިގު މުއްދަތަށް ދެމިހުރުމަކީ އާދައެކެވެ. 13 އަހަރުވަންދެން ދިރާގުގައި ވަޒީފާ އަދާ ކުރުމަށްފަހު ދަރިފުޅު ޔޫސުފު ޝަބްޙާން ގޮވައިގެން ޖެނީ ބެންގަލޯރަށް ބަދަލުވީ ދަރިފުޅު އޭޑީއެޗްޑީ އަށާއި އޯޓިޒަމްއަށް ޑައިގްނޯސް ވުމުން އާއިލާގެވެސް އެހީއާއެކުގައެވެ. ޖެނީގެ ހުރިހާވެސް އުފަލެއް ގުޅިފައި ވަނީ ދަރިފުޅާއެވެ.

"އެނބުރި އައިސް އުޅުމުގެ ތެރޭގައި ބޮޑުދައިތައަކު ދެއްވި ހިޔާލެއް މީ. ފުރަތަމަ ރިބަނުން މާ ހަދަން ދަސްކޮށްދެއްވީވެސް ބޮޑުދައިތަ."

ޖެނީގެ އުފެއްދުމެއް

"ހަލި"ނިއުސް އަށް "ޖެންސް ކަލެކްޝަން" އުފެދުނު ގޮތާބެހޭ ގޮތުން ޖެނީ ކިޔައިދިނެވެ. ނުހަނު ލޯބިވާ ދަރިފުޅުގެ ކަންތަކާ އުޅުމުގެ ތެރޭގައި ޖެނީގެ ހިތާއި ސިކުނޑި ދިޔައީ ހާސްވެ ކަންބޮޑުވުމުން ފުރެމުންނެވެ. ދުލުން ބުނެލަން ފަސޭހަ ވިޔަސް ސިވިއާއޯޓިޒަމް ދަރިފުޅަކު ގޮވަައިގެން އުޅުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު އަދި ކޮންމެ ރޭގަނޑަކުވެސް އާ އިމްތިހާނަކާ ކުރިމަތިލާން ޖެހެއެެވެ. ކެތްތެރިކަމާއި މައިވަންތަކަން އިމްތިހާނު ކުރެވެމުން ދިޔަ މި ހާލަތުގައި ޖެނީގެ ވަރުބަލި އަދި ވޭން އަޅަމުންދިޔަ ނަފުސަށް ހަމަޖެހުމެއް ލިއްބައިދިން އެހީތެރިއަކަށްވީ އޭނާއަށް ކުރެވެން ފެށި މި މަސައްކަތެވެ. ފިރިމީހާގެ ލޯތްބާއި ހިތްވަރުދިނުމާއި އާއިލާގެ އެންމެހާ މެންބަރުންގެ އަޅާލުމާއި އޯގާތެރިކަމާއެކުވެސް ޖެނީގެ ހިތަށާއި ސިކުނޑިއަށް ކުރަމުންދިޔަ ބާރު ލުއި ކޮށްދިނީ އެ ހިތްދަތިރިހުމުން އުފަންވި "ޖެންސް ކަލެކްޝަނެވެ".

ޖެނީ އޭނާގެފިރިމީހާއާ ދަރިފުޅާއެކު

ވަރަށް ކުދިކުދި ތަފުސީލު ހިމެނޭހެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ހެދުމަށް ޖެނީ ވަގުތު ހޭދަކުރަމުން ދިޔައީ ދަރިފުޅު ނިދިފައި އޮންނަ ވަގުތުތަކުގައެވެ. މިހާރު މަޑުމަޑުން ދަރިފުޅު އުޅޭ ގަޑީގައިވެސް ކުދި ކުދި ކަންތައް ކޮށްލެވުނަސް އަދިވެސް ރަސްމީކޮށް ޖެނީ މި މަސައްކަތްތައް ކުރަނީ ދަރިފުޅު ނިންދަވާފައެވެ.

ކައިވެނީގެ މުނާސަބާތަކާއި އެކިކަހަލަ ހަފުލާތަކަށް، އުފަންދުވަހުގެ ޕާޓީތަކަށް، ބައެއް ކަހަލަ ހާއްސަ ދުވަސްތަކަށް ބޭނުންވެގެން އަންނަ އޯޑަރުތަކުގެ ތެރެއިން ޖެނީއަށް އެންމެ ކަމުދަނީ ރިބަން ނެކްލެސް މަސައްކަތެވެ. އެކަމަކު އެއީ ވަރަށް ބުރަ އަދި ގިނަވަގުތު ހޭދަކުރަން ޖެހޭ މަސައްކަތެއް ކަމަށްވާތީ ވަގުތު ނުދެވޭކަމަށްވެސް ޖެނީ ބުންޏެވެ. މިހާ ކަވި މަސައްކަތެއް ފޫހިކަމެއްނެތި ކުރެވޭ ސަބަބަކީ ކަމަށް އޮތް ލޯތްބާއި ހުންނަ ޝައުގެއްގެ ބޮޑުކަމުންކަން ގައިމެވެ. ކުދި ކުދި ފުޅިތަކުގެ ތެރޭގައި އެކިކަހަލަ ވިދާއެތިކޮޅުތަކާއި ދޫނި، ކޮކާފަދަ ތަކެތި އެތުރުމަށްވެސް ޔަގީނުންވެސް ވަގުތުތަކެއް ދާނެއެވެ. މަލުގެ ގުލްދަސްތާ ހެދުމަށް ރިބަން ކޮޅުކޮޅު ގުޅުވައި އަތުރާ އެހެން މިހެން ހެދުމަށް ހޭދަވާ ވަގުތު ގައިމުވެސް މަދެއް ނުވާނެއެވެ.

ޖެނީ ހަލިނިއުސް އަށް އިންޓަވިއު ދެނީ

މި މަސައްކަތަކީ ނަފާވެރި ކަމެއްތޯ އަހާލުމުން ޖެނީގެ ތަޖުރިބާގެ އަލީގައި ބުނީ މިއީ ކުރަން ޖެހޭ ގޮތަށް ގަޔާވެގެން ކަމާވެގެން ކޮށްފިނަމަ މަންފާކުރާ ނަފާވެރި ކަމެއްކަމުގައެެވެ. މޫސުމީ ގޮތަކަށް ލިބޭ އޯޑަރުތަަކަށް ސަމާލުވުމާއި ހާއްސަ ފަރާތްތަކަށް އިސްކަން ދިނުން ފަދަ ބައެއް ކަަހަލަ އުކުޅަކީވެސް މުހިންމު އެއްޗެއްކަން ޔަގީނެވެ.

ޖެނީގެ އުފެއްދުމެއް
ޖެނީ އޭނާގެ ދަރިފުޅާއެކު

ޖެނީގެ އަތްތެެރި މަސައްކަތުގައި، "ޖެންސް ކަލެކްޝަން"ގެ މި ހަތް އަހަރު ތެރޭގެ އެންމެ ބޮޑު ކާމިޔާބީ އަކީ މެދުނުކެނޑި ޖެނީގެ ކަލެކްޝަނުން ތަކެތި ހައްދާ "ރެގިއުލާ" ކަސްޓަމަރުންގެ ލޯތްބާއި އަދިވެސް އެހެން ކަސްޓަމަރުންވެސް ބުނާ ޝުކުރާއި ހިތްވަރުގެ ބަސްތަކެވެ. މިވެނި އެއްޗެއް ހާދަ ރީއްޗޭ ދެން ފަހަރަކުންވެސް ހަމަ ޖެނީ ގާތަށޭ އަންނާނީ، މިފަދަ ބަސްތަކަކީ ޖެނީއަށް ލިބޭ އާދިރުމެކެވެ.

މި މަސައްކަތުގައި ޖެނީއަށް އޭނާގެ އާއިލާއާއި ފިިރިމީހާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެއެވެ. ކޮންމެ އެއްޗެއް ގަންނަން ޖެހުނަސް ފިރިމީހާގެ އެހީއާއެެކު ބޭނުންވާ ސާމާނު ގަނެ، ބައެއް ކަހަލަ ހިޔާލުވެސް ބައެއް ފަހަރު ފިރިމީހާ ދިނުމުން މަސައްކަތަށް އަންނަ ފުރިހަމަ ކަން ޖެނީ ހާއްސަކޮށް ފާހަގަަކުރިއެވެ. ކިތަންމެ ބުރަ ދުވަހެއްގެ މަސައްކަތަަށް ފަހުވެސް ގެއަށް އައިސް ޖެނީގެ މަސައްކަތުގައި އެހީތެރިވުމުގައި ފޫއްސެއް ވަރުބަލިކަމެއް ޝަކުވާއެއް ފިރިމީހާގެ ކިބައިން ނުފެނެއެވެ. އަނެއް ދުވަހަކީ ހަމަ އެހާ ބުރަ ކަމާއެކު ވަޒީފާއަށް ދާން ބޮޑު ހެނދުނާ ހޭލަން ޖެހޭ ވަޒީފާގެ ރަސްމީދުވަހެއްކަން އެނގިހުރެވެސް ޖެނީއަށް ވަގުތު ދިނުމަށް ފިރިމީހާ އިސްކަން ދެއެވެ.

ޖެނީގެ އުފެއްދުމެއް
ޖެނީގެ އުފެއްދުމެއް

ޖެނީގެ ހުރިހާވެސް ބާރަކީ އަދި ހިތްހަމަޖެހުމާއި އުފަލަކީ އޭނާގެ ލޮބުވެތި ދަރިފުޅެވެ. އެއްވެސް ޝަރުތަކާ ނުލާ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ޖެނީއަށް ލިބިފައިވަނީ ދުނިޔޭގައި މަދު ނަސީބުވެރިއަކަށް މިންވަރު ކުރައްވައިގެން ލިބޭ ފަދަ ހެޔޮލަފާ ސޯލިހު ފިރިއެކެވެ. އޭނާއަށް އެކަލާނގެ ދެއްވި ނިއުމަތަށް ޝުކުރުވެރިވާކަމަށް ޖެނީ ތަކުރާރުކޮށް ބުނެފައިވެއެވެ.

މިމަސައްކަތުގައި މެދުނުކެނޑި ކާމިޔާބު 7 އަހަރު ހޭދަ ކުރެވުނީތީ އާއިލާއަށާއި ކަސްޓަމަރުންނަށް އަދި ހާއްސަކޮށް ފިރިމީހާއަށް ވަރަށްވެސް ބޮޑު ހާއްސަ ޝުކުރެއް އަދާ ކުރާކަމަށް ޖެނީ ބުންޏެވެ. ދުވާލުގެ ބުރަކަމާއި ރޭގަނޑުގެ ވަރުބަލިކަމާއެކުވެސް ނިމިގެންދާ ދުވަހު ލޮބުވެތި ދަރިފުޅުގެ މައުސޫމު މޫނު ފެނުމުން ޖެނީއަށް ލިބިގެންދާ ތާޒާކަމާއި އާހިތްވަރަށްޓަކައި އެދަރިފުޅަށް އޭނާ ހިތުގެ އަޑިން ލޯބިން ފުރިގެންވާ ޝުކުރެއް އަދާކުރާ ކަމަށް ޖެނީ ހާމަކުރިއެވެ.

ޖެނީ'ހަލި'ނިއުސްއަށް އިންޓަވިއުދެނީ

"ޖެންސް ކަލެކްޝަނު"ގެ މަސައްކަތް އެއްވެސް ހިސާބަކުން ހުއްޓާލާާކަށް އަދި ނުވިސްނާ ކަމަށް ޖެނީ ބުންޏެވެ. އަދި ޖެނީސް ކަލެކްޝަނާމެދު ކުރާ އުންމީދުތަކާއި ދެކޭ ހުވަފެންތައްވެސް ބޮޑުކަމަށް ޖެނީ ބުންޏެވެ. ޖެނީގެ އެންމެ ބޮޑު އުންމީދަކީ އޭނާގެ ބްރޭންޑްގެ މަސައްކަތްތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ފެތުރިގެން ދިއުމެވެ. އަދި "ޖެންސް ކަލެކްޝަން"ގެ ޕޭޖު ފިހާރައަކަށް ބަދަލުވެ ހާއްސަ "ޖެންސްކަލެކްޝަން"ފިހާރައެއް ހުޅުވުމަކީ ޖެނީ އޭނާގެ މުސްތަގުބަލާމެދު ދެކޭ ބޮޑު ހުވަފެނެވެ.

ޔަގީނުންވެސް ޖެނީއަކީ ހިތްވަރުގަދަ ނަމޫނާ އަންހެނެކެވެ. ދަރިފުޅަށްޓަކައި ހިތާ ނަފުުސުން ގުރުބާންވާ މަންމައެކެވެ. އަމިއްލަ ސިކުނޑީގެ ހަމަޖެހުމަށް ފެށި މަސައްކަތުން ދިރިއުޅުން ލުއި ކުރުމަށް މަގުފަހިކޮށްގެން އިން ގެވެހި އަނތްބެކެވެ. އޯޓިޒަމް އަދި އޭޑީއެޗްޑީފަދަ އުނދަގޫ ހާލަތެއްގެ ދަރިއަކު ގޮވައިގެން ދިރިއުޅުން އާާރާސްތު ކުރާ ޖެނީއަށް ސާބަސް ހުއްޓެވެ.