ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތުގައި ކަމަށް ކުރީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެންނެވެ.

އެގޮތުން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ދެ އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއްތޯ ސުވާލު ކޮށްފައެވެ.

"އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް!" ޖަމީލް ވިދާޅުވިއެވެ.

ނިހާންގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިހާރު ހުންނެވީ އެ 20 އަހަރުގެ ޖަލު ހުކުމެއްގައެވެ. ނަމަވެސް އޭނާ ހުންނެވީ ގޭ ބަންދުގައި ކަމުން މިކަމާ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ މި ސަރުކާރަށް އަމާޒު ވަމުންނެވެ. ހަމައެއާއެކު މި މައްސަލައިގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ދެ ބޭފުޅުންވެސް މިހާރު ހުންނެވީ ޖަލުގައެވެ.