ތުރުކީގެ ދެކުނު ސަރަހައްދަށާއި ސޫރިޔާއަށް އައި ބިންހެލުމުގައި މީހުން މަރުވެ ތަންތަން ސުންނާފަތި ވުމުން އުފާ ކުރަން ޖެހޭނެ ކަމަށް އިޒްރޭލުގެ އިސް ޔަހޫދީ ފާދިރީއަކު ބުނެފިއެވެ.

ފާދިރީ ޝަމްވެލް އިލިޔާހޫ އަކީ އިޒްރޭލުގެ މިހާރުގެ ހައްދުފަހަނައަޅާފައވާ ކަނާތު ފިޔައިގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރުގެ ބައްޕައެވެ. އަދި އިޒްރޭލުގެ ސަލާމަތީ ކަންކަމާ ބެހޭ އިތާމާތް ބިން ގަވީރްގެ ގާތް ރައްޓެއްސެކެވެ. ބިން ގަވީރް ކުރިން ވަނީ އިޒްރޭލުގެ އެންމެ އިސް ޔަހޫދީ ފާދިރީގެ މަގާމަށް އިލިޔާހޫ ގެންނަން މަސައްކަތް ކޮށްފައެވެ.

އިޒްރޭލުގެ ޔަހޫދީންގެ އޯލާމް ކެޓާމް ނޫހުގައި ލިޔަމުން އިލިޔާހޫ ބުނެފައި ވަނީ ދުޝްމަނުންނަށް ދޭވަތާ ޖައްސަވާ ހާލު މިހިރަ ފެނިގެން ދަނީ ކަމަށެވެ.

މީހުން ރުޅިއަރުވާލާ ވާހަކަ ދެއްކުމަށް މަޝްހުރު އިލިޔާހޫގެ ވާހަކައަށް އިޒްރޭލުގެ ގިނަ ފާދިރީން ވަނީ ދެކޮޅު ހަދައި އޭނާއަށް ރައްދު ދީފައެވެ.

އިލްޔާހޫ ބުނީ ތުރުކީއާއި ސޫރިޔާއަށް އައި ބިންހެލުން މިއީ މޫސާގެފާނު ޔަހޫދީން ގޮވައިގެން ކަނޑު ހުރަސްކުރެއްވިއިރު ފިރުއަނާއި އޭނާގެ ފައުޖު ޣަރަގް ކޯށްލެއްވި ހާދިސާފަދަ ހާދިސާއެކެވެ. ދުރުތިބި ޔަހޫދީން ނުދަންނަ މީހުން އެއިރުވެސް ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގުވީތީ ހިތާމަ ކުރި ކަމަށެވެ. އެކަމަކު އެމީހުންނަށް ﷲ ނިންމެވި ގޮތް ނޭނގުނީ ނޫން ހެއްޔެވެ؟