މި އަހަރު ދިމާވި އެންމެ ބޮޑު ކާރިސާއާ ގުޅިގެން މާލޭގައި އިޢުލާންކުރި ލޮކްޑައުންއަށް ފަހު އެންމެ ފުރަތަމަ މީހުން ބޭރަށް ނުކުތުމަށް ފުރުސަތެއް ލިބުމުން، ވަރަށް ގިނަ މީހުން ކަސްރަތު "ބުރަކަށް" ނުކުތެވެ. އެގޮތަށް ނުކުތް މީހުންގެ ތެރޭ އަޅުގަނޑުވެސް ހިމެނެއެވެ. މާލެ ވަށާ ބުރެއްޖެހުމަށް ދާއިރު، ފާހަގަ ކޮށްލެވުނީ، ރަސްފަންނު ހެދުމަށް ބޮޑުތަކުރުފާނު މަގުން ބަޔަކަށް ވެލިއަޅާ އުސްކޮށްފައިވާ ބައެއް، އަލުން މަގެއްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގު، "ވެސްޓް ޕާކް" އޭ ކިޔުނު ކެފޭ ހުރި ހިސާބަށް މެދު ކެނޑިފައިވާ ދިމާއިން، ކަނބާ އައިސާރަނި ހިނގުމާއި، ހަވީރީ ހިނގުން ގުޅުނު ކަންމައްޗާއި، އެކަންމައްޗާ އިންވާ ދެމަގުވެސް ހަދަމުން ދިޔައެވެ. ހަފުތާ ކޮޅަކަށް ފަހު، އެ މަސައްކަތް ނިންމާލި އިރު، ހަވީރީ ހިނގުން ނިމޭ ދިމާއިން، އެސްޓީއޯ ހެޑްއޮފީސް އިމާރާތާ "ވެސްޓް ޕާކް" ސަރަހައްދާ ދެމެދުން، އެމަގު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ސީދާ މިންނާޅާ ލަފާ ކުރާނަމަ، 50 ފޫޓު ފުޅާ މަގެއް ކަމުގައި ބުނެވިދާނެއެވެ.

އެ މަގު ހަދާ، "ނޯ ޕާކިންގް" ބޯޑު ތައް ބެހެއްޓުމާ އެކު، އެތާ ވެހިކަލްތައް ޕާކުކޮށް ފުރާލުމާއެކު، ދެން ފެނިގެންދިޔައީ ވަރަށް ރަނގަޅު "ސަރޕްރައިސް" އެކެވެ! އެއީ، ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަނބާ އައިސަރަނި ހިނގުމާ ހިސާބުން މެދު ކެނޑޭ ހިސާބުން، "ވެސްޓް ޕާކް" ސަރަހައްދު ތެރެއިން، މުޅިން އަލަށް މަގެއް ހެދި ތަނެވެ. މި މަގު ހެދުމުން، ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، މަގުގައިވާ "ބެންޑަކުން" ހަމައެމަގުން ދެކުނަށް، މަޖީދީ މަގާ ދިމާއަށް، އެއްވެސް މެދުކެނޑުމެއް ނެތި ދުއްވޭގޮތް ވީއެވެ.

އެ މަގު ތަކަކީ ޕޯޓް ސަރަހައްދުން މުދާ އަރުވައިގެން ދަތުރުކުރާ ބޮޑެތި ލޮރީ ފަހަރާއި، ވަކިން ހާއްސަކޮށް އެމްޕީއެލްގެ ކޮންޓެއިނަރ ޓްރެއިލަރ ޓްރަކް ދުއްވަން ބޭނުންވާ ވަރަށް މުހިންމު މަގުތަކެކެވެ. އެއްވެސް ގޯޅިއެއް ނާޅާ ސީދާ ދެވޭގޮތް ވުމުން އެ އުޅަނދުފަހަރަށް ވަރަށް ބޮޑަށް ފަސޭހަވެ، އެމަގުގައިވެސް "ނޯޕާކިންގް" ބޯޑުތަކުގެ ކައިރީގައި ވެހިކަލްތައް ބަހައްޓާފައި ހުއްޓަސް، ޓްރެފިކް ތޮއްޖެހުމަށް ލުޔެއް ލިބިގެން ދިޔައެވެ.

މި ސަރަހައްދު ވަރަށް ތަނަވަސް ވެއްޖެއެވެ. އަދި އަލަށް ހެދި "ބެންޑް" އާއި ކަނބާއައިސަ ރަނި ހިނގުމާއި ހަވީރީ ހިނގުން އިންވާ ގޮތަށް "ވެސްޓް ޕާކް" ގެ ބާކީ ސަރަހައްދުގައި އައުޓްޑޯ ޖިމްގެ ސާމާނުތައް ބަހައްޓާފައިވެސް އެބަހުއްޓެވެ. މާދުރު ނޫން މުސްތަގުބަލެއްގައި އެތަން އާންމުން ބޭނުން ކުރުމަށް ހުޅުވާނެކަމަށް އުންމީދު ކުރެވެއެވެ.

ދެން، މިދިޔަ ނޮވެމްބަރ މަހުގެ ކުރީކޮޅު ފެންނަންފެށީ، އަލަށް ހެދި "ބެންޑް"ގެ ބޭރުފަރާތުގައި، އެދިމާލުގައި ކުރީއްސުރެ ހުންނަ "ސްޓޭޖް" ނުވަތަ މަސްބޭނުމަށް މީހުން ބޭނުންކުރާ ޖެޓީގެ އިރުން، އެމްޕީއެލް އާ ދިމާއަށްދާއިރު، މަގުގެ އެއްފަރާތުގައި އޮންނަ ހުސްޖާގަ ހިޔާކޮށް، ކޮންމެވެސް ތަނެއް ހަދާ ތަނެވެ. އެތަނަކީ ހުޅަނދު މޫސުމުގައި ވަރަށް ގަދައަށް ރާޅު ޖަހާ ހިސާބެކެވެ. އެހެންކަމުން އެ ހަދަމުން ދާ ތަނުގައި ތޮށިގަނޑާ ދިމާލުން ހުރީ ނުހުޅުވޭ ގޮތަށް ހުރި ބިއްލޫރި ކުޑަދޮރު ލާފައެވެ. އަދި އެ ތަނުގެ ކުރިމަތިން، މަގުމައްޗާ އިންވާ ބައި ހުރީ ހާމަކޮށެވެ. ޖުމްހޫރީ ދުވަސް އަންނަންވާއިރަށް ނިންމާލަން އުޅުހެންވެސް ހީވިއެވެ. އެހެނީ އޭގެ ކުރީ ދެރެއްގައި އެސްޓީއޯގެ އަކުރުތައް ޖަހާފައިވާ އެކި ކަހަލަ ޓީޝަރޓް ލައިގެން ތިބި ބަޔަކު މުޅި ރޭ ހަތަރު ދަމު މަސައްކަތް ކުރިހެން ހީވެއެވެ. އެހިސާބުން ދާ މީހުންނަށް ފެންނާނީ ކަރފިއު ގަޑި ޖެހެންދެން ހިނގާ ކަންކަންކަމުގައިވާތީ، އެއީ ޔަގީންކަމާއެކު ބުނެވޭނެ ވާހަކައެއް ނޫނެވެ.

މިހާރު އެ ހެދި ތަނުގެ ބޭރުގައި ބޯޑެއް އެބަހުއްޓެވެ. އެބޯޑުގައި ލިޔެފައިވާ އެއްޗެސް ނުދެއްކުމަށް ވަނީ ކަރުދާސް ގަނޑެއް ތަތްކޮށްފައެވެ. ނަމަވެސް ކޮންމެވެސް ވަރަށް އެ ކަރުދާސްގަނޑު ތެރެއިން އެ ބޯޑުގައިވާ އެއްޗެއް ކިޔާލަން އެނގެއެވެ. އެއީ "ބަސް ހުއްޓި" ބޯޑެކެވެ. ވީމާ އެތާ އެ ހެދީ ބަސް ހުއްޓި އެކެވެ.

އަލަށް ހަދާފައިވާ ބަސްހުއްޓި

މި ބޯޑުގައިވާ އަކުރުތައް ފެނުމާއެކު ވަރަށް ގިނަ އިހުސާސްތަކެއް ކުރެވުނެވެ. އަދި އެކިއެކި ހިޔާލުތައް ހިތުތެރެއަށް އައެވެ. މިއީ ހާދަ ރަނގަޅު ކަމެކެވެ! މިހާރު މާލޭގެ ދެކުނާއި އިރުމަތީ ފަރާތުން ލިބޭ ބަސް ދަތުރުގެ ހިދުމަތް މި ހިސާބުންވެސް ލިބެން ފަށާގޮތްވެސް ވަނީއެވެ! މިހާރު ހުޅުމާލެއަށް ޖައްސާލަން ހާދަ ފަސޭހަވާނެއެވެ. ކަސްރަތުބުރަކަށްވެސް ހުޅުމާލެއަށް ދެވިދާނެއެވެ! މިފަދަ އުފާވެރި ޝުއޫރުތަކެވެ.

ނަމަވެސް، އޭގެ ވަގުތުކޮޅެއްފަހުން ހިތައް އެރިއެވެ. އެމަގަކީ ކުރިން ލިޔުނުފަދައިން، އެހާ ޓްރެފިކް ކާރުބާރު ބޮޑު، އަދި ބަރު އުޅަނދުތައް ދުއްވާ މަގަކަށްވާއިރު، އެ މަގުގައި ބަސް މަޑުކޮށްލާ ވަގުތު ޓްރެފިކަށް ވަރަށް ނޭދެވޭ އަސަރު ކުރާނެއެވެ. އެހެނީ، ބަސް ދުއްވާފައިއަންނައިރު، އޭގެ ފަހަތުން އަންނަ ވެހިކަލްތައް، ބަސް ހުއްޓި ކަރިއަށް ބަސް މަޑުކުރުމުން، އެ ވެހިކަލްތައްވެސް މަޑުކޮށްލުމުގެ ބަދަލުގައި، މަގުގެ ކަނާތްފަރާތައް ޖެހިލައިގެން އެ ބަސް ފަސްދީ ކުރިއެރުމަށް މަސައްކަތް ކުރާނެތީއެވެ. އެވަގުތު އިދިކޮޅަށް އަންނަ ޓްރެފިކާއި ބައްދަލުވެ، ޓްރެފިކް އެއްކޮށް ހުއްޓޭނެތީއެވެ. ވީމާ އެ ދިމާލުގައި ބަސްހުއްޓިއެއް ހުރުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމުގައި ހިތައް އެރިއެވެ.

ނަމަވެސް، އެ ސަރަހައްދަށް ބަސް ދަތުރުގެ ހިދުމަތް ލިބުމަކީ ވަރަށް ރަނގަޅުކަމެކެވެ. ވީމާ ބަސްހުއްޓިއެއް ހުންނަން ޖެހެއެވެ.

ދެން ހިތައްއަންނަނީ، މިހާރު އެ ހެދި ބަސްހުއްޓި (ލުއިކާނާ ވިއްކާ ކުޑަކުޑަ ފިހާރައަކަށް ހެދުމަށްފަހު) ދޫކޮށްލާފައި، ކުރިން ބުނެވުނު ހަވީރީހިނގުމުގެ ކޮޅުގައި މަގު ފުޅާކުރި ސަރަހައްދުގައި ބަސްހުއްޓިއެއް ހެދުން ކިހިނެއްވާނެބާވައެވެ؟ އެއީ އެސްޓީއޯ ހެޑްއޮފީސް އާ އިންވެގެންނެވެ. ފެންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކައިރީގައިވާ ފަދަ މަންޒަރެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ބަސްހުއްޓި

މިކަމާމެދު އިތުރަށް ވަރަށް ބޮޑަށް ފިކުރު ކޮށްގެން، އެސްޓީއޯ އިމާރާތްކައިރިގެ ބަދަލުގައި، މިހާރު އެ ހުރިތަނުގައި ބަސްހުއްޓިއެއް ހުރެގެން ޓްރެފިކް ހުއްޓިދާނެ މައްސަލަ ހައްލު ކުރެވިދާގޮތެއް އެބައޮތްކަމަށް ވިސްނުނެވެ. އެއީ "ވެސްޓް ޕާކް" ވަށައިގެން ގަޑިއެނބުރޭ ބުރަށް ވަންވޭ (އެއްކޮޅަށް ދުއްވާ) މަގުތަކެއް ހެދުމެވެ. އެއިރުން، ބަސްހުއްޓި ކައިރީ ބަސް މަޑުކުރުމުން މަގު ބެދޭގޮތެއް ނުވާނެއެވެ. އެކަމަކު، އިރުން ހުޅަނގަށް ދަތުރުކުރާ އުޅަނދުތައް ޖެހޭނީ ކަނބާއައިސާރަނި ހިނގުމަށް އަޅާށެވެ. އަދި އިތުރު ދެ ގޯޅިއެޅުމަށްފަހު، ޖުމުލަ ތިން ގޯޅި، ބޮޑުތަކުރުފާނު މަގަށް ނުކުމެވޭނެއެވެ.

ކޮންޓެއިނަރ ޓްރެއިލަރ ޓަރަކް ގޯޅި އެޅުމަކީ ވަރަށް ލަސް ކަމެކެވެ. ވީމާ އިތުރު ތިން ގޯޅިއެޅުވުމަކީ އަނެއްކާވެސް ޓްރެފިކަށް ހުއްޓުން އަރާނެކަމެކެވެ.

ވީމާ، އަދިވެސް އެންމެ ބުއްދިވެރި ގޮތަކީ އެސްޓީއޯ ހެޑްއޮފީސް އިމާރާތާ އިންވެގެން، ހަވީރީ ހިނގުން ނިމޭދިމާލުގައި ބަސްހުއްޓިއެއް ގާއިމު ކުރުމެވެ.

މި ލިޔުން ލިޔުނުއިރު، މިކަމާ މެދު ގުޅަންވީ މާލޭ ސިޓީ ކައުންސިލަށް ބާވައޭ، ނުވަތަ ސަރުކާރުގެ ކޮން މިނިސްޓްރީއަކަށް ބާވައޭ، ރައްޔިތުންގެ މަޖްލިސަށް ބާވައޭ، ނުވަތަ މޯލްޑިވްސް ރޯޑްކޯޕަރޭޝަނަށް ބާވައޭވެސް ހިތަށް އެރިއެވެ. ނަމަވެސް އެއީ އަނެއް ދިގު ވާހަކައަށް ވާތީ އިތުރަށް އެ ވާހަކަ ނުލިޔެ ކުރުކޮށްލާނަމެވެ.