އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިކަން ޕްރޮސިކިއުޓާ ޖެނެރަލް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
އެ މައްސަލާގައި އިއްޔެ ނިހާންގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނިހާން ވަނީ އެ މައްސަލައިގެ ތަހުގީގަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ނިހާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލު އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ފިލަންވެގެން ނިހާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ.
ނިހާން ވިދާޅުވީ މިހާތަނަށް ވެސް އޭނާ ވަނީ ތަހުގީގަށް އެއްބާރުލުން ދީފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.