މިއަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން ވިދާޅުވި ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ދިރިއުޅޭ ފަރާތްތަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22އިން ފެށިގެން މިދިޔަ މަހުގެ ނަވާރައިގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަދި މި މުއްދަތުގައި ފޯމު ހުށަހެޅި ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު މިހާރުވާނީ މެސެޖްކުރެވިފައިކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ އިސްލާމިކް މިނިސްޓްރީގެ ކައުންޓަރަށް، ނުވަތަ ޒަކާތު ދަފްތަރަށް މެއިލް ކުރެވޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައިވެއެވެ އަދި މެއިލް ފޮނުވާއިރު، ސަބްޖެކްޓުގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި އައިޑީ ކާޑު ނަމްބަރާއި ފޯމު ނަމްބަރު ޖެހުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މި އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް 212 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އެހެންނަމަވެސް ފަޤީރުންނާއި މިސްކީނުންގެ ފައިނަލް ލިސްޓު ކަށަވަރުވާނީ ޝަކުވާ ހުށަހަޅަން ދެވިފައިވާ މުއްދަތުގައި ހުށަހަޅާ ޝަކުވާތަކަށް ބެލުމަށް ފަހުގައެވެ.

ޝަކުވާ ހުށަހެޅޭނީ މިމަހުގެ 16ގެ ނިޔަލަށެވެ.