އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މަގު ތައްޔާރުކޮށް ފައްކާ ކުރުމަށް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީ އިން އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތާ ހަވާލުވުމާއެކުހެން ހުކުރު ދުވަހު ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައި، ފުރަތަމަ ސެގްމަންޓްގައި ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެބީސީ ފަށަލަ، (އެގްރިގޭޓް ބޭސް ކޯސް ލޭޔަރު) އެޅުމަށް ފަށާފައިވާ ކަމަށް އެ ކުންފުނިން މިވަނީ ޔަގީންކަން ދީފައެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި ނަމަވެސް، އެކޯޕަރޭޝަނުގެ ތާރު މެޝިން ބަހައްޓާނެ ބިމެއް ކަނޑައެޅިފައި ނުވާތީ މިމަހުގެ ނުވަވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.

އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު، 210 މިލިއަން ރުފިޔާއަށެވެ.

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްގީ ކުރާއިރު، ފުރޮޅުލީ ގޮނޑި ބޭނުން ކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހަދާނެކަމަށާއި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް ވެސް އާރްޑީސީން ވަނީ ބުނެފައެވެ. އަދި މަގުބައްތި ވެސް ހަރު ކުރާނެ ކަމަށާއި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ޒަމާނީ ފެންވަރަށް ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށް އަމީނީ މަގު ތަރައްގީ ކުރުން އާރުޑީސީ އާ ހަވާލުކޮށްފައި ވާއިރު އެ މުއްދަތުގެ ކުރިން މަގު ތަރައްގީކޮށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އާރުޑީސީން ބުނެފައި ވެއެވެ. އެހެން ނަމަވެސް ބުނެފައިވާ ދުވަހަކަށް މަގުގެ މަސައްކަތް ނިންމިފައި ނުވެއެވެ.

އަމީނީމަގާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުމާއި ގިނަ ބައެއްގެ ފާޑުކިޔުން އެކުންފުންޏަށް އަމާޒުވެފައި ވަނިކޮށް އަނެއްކާވެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އަމީނީ މަގުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

ސެގްމެންޓް އެކެއް، ދޭއް އަދި ތިނެއްގައި ހަފުތާއެއްގެ ތެރޭގައި ތާރު އަޅަން ހަވާލުކޮށްފައިވާ ކަމަށް އާރްޑީސީ އިން ހާމަކޮށްފައި ވާއިރު، ތިން ސެގްމެންޓުގައި ބުދަ ދުވަހުގެ ނިޔަލަށް ތާރުއަޅައި ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މިއަދު ވިދާޅުވެފައެވެ.