އަންހެނުންނަށް ދިމާވާ ބަލިހާލަތްތަކުގެ ތެރެއިން ރަހިމުގެ މައްސަލަތަކަކީ އާންމު ކަމަކަށްވެފައި އެހާ ބޮޑު ސަމާލުކަމެއްވެސް ނުދެވޭ މައްސަލަތަކެކެވެ. ވަރަށް އާންމުކޮށް މާމަމެން، އުމުރުން ދުވަސްވީ ބޮޑުދައިތައިން ކިޔާ ވާހަކައެއް އިވެއެވެ.
އަލަށް ދަރިފުޅަކު ވިހައިގެން އަވަހަށް ތެދުވެ، މަސައްކަތް ކޮށް ބަރުހެލިކޮށް އުޅެން ފެށުމުން މާމަމެން ކަންފަތުގައި ހިފާފައި ބުނެފައިވާ ވާހަކައެކެވެ. އެކުގައި އުޅޭ ރައްޓެހިންގެ ތެރޭގައިވެސް ވަރަށް ގިނައިން ވާހަކަދެކެވި ބަހުސު ކުރެވި ހޫނުގަދަވާވަރަށް އަޑުބާރުވާ މައުޟޫއުއެކެވެ. "ތިހެން ބަރު އެއްޗެހި އުފުލަނިކޮށް މިވެނި އެވެނި މީހަކަށް ވިގޮތަށް ބޮތްކެއްހެން ފައިބާފާނެ، ބޮތްކެއް ހެން ނުކުމެދާނެ. މިދަައްކަނީ ރަހިމު ފައިބާ ވާހަކަ." އޭރަކު މާމަމެން އެކިޔަމުންދިޔަ ވާހަކަ އެއްގޮތަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް ފަހުން އެކިޔަނީ ކޮންވާހަކައެެއްކަން އެނގުނީ ރައްޓެއްސެއްގެ ހާލު ލޮލުން ފެނުމުނެވެ. ޑޮކްޓަރަށް ދައްކަންވެސް އެކުވެރިޔާ ދިޔައީ ދެކޮޅު ހަދަމުންނެވެ. އެވަރުގެ ކަމެއް ވީމަ ދައްކަން ނުކެރޭނެކަމަށް ބުނަމުންނެވެ. އެންމެ ފަހުން އަންހެނުންގެ ހާއްސަ ޑޮކްޓާރ، ޑރ ޝަޔަމްސިލްވާ އާ ބައްދަލުކޮށް ނެޓުން ހޯދައިގެން އެކަމާ ގުޅޭ ކަހަލަ ފޮޓޯއެއް ދައްކާ ސުވާލުކޮށް އޮޅުން ފިލުވީމެވެ. އެނގުނީ ދެނެވެ.
"ރަހިމު ފައިބަނީ"، މިއީ އަންހެނާގެ ރަހިމު ފައިބާ ވާހަކައެެއް ނޫނެވެ. މިއީ "ޕްރޮލެޕްސްޑް ޔުޓޭރަސް"، ކިޔާ މައްސަލައެކެވެ.
ރަހިމު ފައިބަނީ އޭ އެބުނާ ސަބަބަކީ، މިމައްސަލަ ޖެހުމުން އަންހެނުންގެ ޖިންސީ ގުނަވަނުގެ ތެރެއަށް "ކާވިކްސް" ފައިބާތީއެވެ. އިށީނދެ އިނދެފައި ތެދުވެ އެބައި އެތެރެއަށް ޖައްސާލަން ޖެހޭ ހިސާބަށް ވެސް ދެއެވެ. މިއީ އެބުނާ "ރަނގަޅު ވެދާނެ، މާބޮޑު ކަމެެއް ނޫން." ކަމެއް ނޫނެވެ. މިއީ މާ ބޮޑު ކަމެކެވެ. އަންހެނުންނަށް ދިމާވާ ދަތި އުނދަގޫ ހާލަތެކެވެ. އަދި މިއީ ނުކެރިގެން ލަދުން ޑޮކްޓަރަށް ނުގޮސް ހަމަޖެހިގެން އުޅެވޭ ވަރުގެ އާދައިގެ ކަމެއްވެސް ނޫނެވެ.
ޔުޓަރަސް (ނުވަތަ ރަހިމު) އުފެދިފައި ވަނީ، ޕެލްވިސްގެ ތެރޭގައި މަސްތަކާއި ޓިޝޫތަކާއި ލިގަމެންޓްތަކާއި އެކުގައެވެ. ބަލިވެ އިނުމާއި، ވިހެއުމާއި ނުވަތަ ވިހެއުމާއި އުނދަގޫ ވުމުގެ ބައެއް ސަބަބުތަކާ ހެދި ބައެއް އަންހެނުންގެ މި މަސްތައް ބަލިކަށިވެއެވެ. އަންހެނަކު އުމުރުން ދުވަސްވުމުންނާއި ގުދުރަތީ ގޮތުން އެސްޓްރޮޖެން ހޯމޯން ހުއްޓުމާ ވިދިގެން ރަހިމު ޖިންސީ ގުނަވަނުގެ ތެރެއަށް ފައިބައި، "ޕްރޮލެޕްސްޑް ޔުޓަރެސް"ގެ މިހާލަތު ތަހައްމަލު ކުރަން ޖެހިދެއެވެ.
ޕްރޮލެޕްސް ވުމަކީ ފުރާނައަށް ނުރައްކާވާ ކަމެއް ނޫން ނަމަވެސް އެއީ ތަދުވުމާއި ނުތަނަވަސްކަން ކުރިމަތިވާ ކަމެކެވެ. އާންމުކޮށް ޕެލްވިކް ފްލޯރ ކަސްރަތު ކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމުން އަލާމާތްތައް ރަނގަޅު ކުރެވުނު ނަމަވެސް ބޭސްފަރުވާ ވެސް ބޭނުންވެއެވެ. ޕްރޮލެޕްސް ވެފައިވާ ރަހިމު އާދައިގެ މިންވަރާއި ސީރިއަސް ޕްރޮލެޕްސް ވުމުގެ އަލާމާތްތަކުގެ ތެރޭގައި ޖިންސީ ގުނަވަނުން ޓިޝޫ ބޮޑުވުން ފެނުމާއި ނުވަތަ އިހުސާސް ކުރުމެވެ. ޕެލްވިސްގައި ބަރުކަން އިހުސާސްވުން ނުވަތަ ދަމައިގަތުން. ފާޚާނާ ބޭނުންކުރާއިރު މުގުރު ހުރިހާ ދިމާލެއް ހުސްނުވާހެން ހީވުމެވެ.
"ޕްރޮލެޕްސްޑް ޔުޓަރެސް"ގެ މިހާލަތު ދިމާވާ ބައެއް ކަހަލަ ސަބަބުތައް:
- އާދަޔާ ހިލާފަށް ގެއްލުން ހުންނަ ގޮތްގޮތަށް ޖިންސީ ގުޅުންހިންގުން
- ޅަޢުމުރުގައި ގިނައިން ވިހެއުން
- ފައިދާ ހުރި ކާނާ ނުލިބުން
- ބަރުތަކެތި އުފުލުމާއި ބުރަކޮށް އުޅުން،
- ވިހައިގެން ހަތަރުމަސް ވަރު ނުވަނީސް ބަލިވެ އިންނަ ހާލަތަށް ދިޔުން
- ކައިރި ކައިރީގައި ބަލިވެ އިނުމާއެކު ގިނައިން އެބޯޝަން ހެއްދުން ނުވަތަ ބައިގެންދިއުން
ޕްރޮލެޕްސްޑް ޔުޓަރެސްގެ އަލާމާތްތައް
- ޕެލްވިސްގައި ފުރިހަމަ ނުވަތަ ޕްރެޝަރެއް އިހުސާސް ވުން (ކުޑަ ބޯޅައެއްގެ މަތީގައި އިށީނދެގެން އުޅޭހެން ހީވެދާނެ)
- ކަނާތު ކޮނޑުގައި ރިއްސުން
- ޖިންސީ ގުނަވަނުން އެއްޗެއް ނުކުންނަހެން ހީވުން
- އަނބިފިރިކަމުގެ ގުޅުމުގައި ވޭން އިހުސާސް ނުވިޔަސް އެއަށްފަހު ދިލަ ތޫނު ތަދެއް ހުރުން
- ކުޑަކަމުދާން ނުވަތަ ގޮހޮރުގެ މަސައްކަތް ތަކަށް ދަތިވުން
- ހިނގުމަށް އުނދަގޫވުން
- އިށީނދެފައި ތެދުވާއިރު (ހާއްސަކޮށް އުޑަފައިން އިނދެފައި ތެދުވާއިރު) ކުޑަވަށް ބޯޅައެއް ޖިންސީ ގުނަވަނުން ބޭރުވެފައި ހުރިހެން ހީވުން
- އެ އެއްޗެއް މައްޗަށް ޖެހިގެން ދާކަމުގެ އިހުސާސްވުން
- ކުޑަކަމުދިޔުމަށްފަހު ބޭރަށް ފެންނަ ގޮތަށް ބައެއް ހުރުން
ޕްރޮލެޕްސް ވުމަކީ ފުރާނައަށް ނުރައްކާވާ ކަމެއް ނޫން ނަމަވެސް އެއީ ތަދުވުމާއި ނުތަނަވަސްކަން ކުރިމަތިވާ ކަމެކެވެ. ޖިންސީ ގުނަވަނަށް ވާ އަނިޔާތަކާއި ޖެހޭ ބަލިތަކުން ވޭން އަޅައި ތަދުވާނީ އެންމެ ފުރަތަމަ ހަށިގަނޑުގެ އެހެން ގުނަވަން ތަކުގައެވެ. ޕްރޮލެޕްސް ވުމުންވެސް އުނަގަނޑުގައި ރިއްސުމާއި ކޮނޑުހުޅުގައި ރިއްސުމާއި ބޮލުގައި ރިހުން ފަދަ ކަންތައް ދިމާވިޔަސް ސީދާ ޖިންސީ ގުނަވަނުގައި ރިއްސާ، ތަދުވާ ގޮތްވެ ދިމާވާނީ ތަން ކޮޅެއް ގިނަ ދުވަސް ވުމުންނެެވެ.
އާންމުކޮށް ކަސްރަތު ކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާއި ބައެއް ކަހަލަ ވައްތަރުތަކަށް ބައްޓަން ވުމުން، އިތުރަށް ގޯސްނުވެ ރަނގަޅު ވެއެވެ. ނަމަވެސް މިއީ ވަރަށް މަދު ފަހަރެއްގައި ވަރަށް ކުޑަކުޑަކޮށް ފެންނަ އަލާމާތްތަކަށެވެ. ބޮޑުވަރުވެފައިވާ މައްސަލައެއް ކަމަށްވާނަމަ ޑޮކްޓަރުންގެ އެހީއާއި ބޭސްފަރުވާއާ ނުލާ ސަލާމަތް ވެވޭކަށް ނޯވެއެވެ.
ބަައެއް އަންހެނުން ޖިންސީ ގުނަވަނުން ބޭރަށް ފެންނަ ގޮތަށް ޕްރޮލެޕްސްގެ ހާލަތު ދިޔުމުން "ޓެމްޕޮންސް" ބޭނުން ކޮށްގެން އަމިއްލައަށް އެބައި މައްޗަށް ގެންދިއުމަށް މަސައްކަތް ކުރެއެވެ. ނޫނީ ފާހާނާ ބޭނުންކޮށް ނުވަތަ އުނޑަފައިން އިށީނދެފައި ތެދުވާ ކޮންމެ ފަހަރަކު މިބައި އެތެރެއަށް ޖެއްސުމަށް މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި ހައްލެއް ނޫނެވެ. ދުވަހަކަށްވުރެ ދުވަހެއް މިގޮތަށް ފޭބުން ބޮޑުވަމުން ގޮސް ނުރައްކާތެރި ހާލަތަކަށް ގޮސްދާނެއެވެ. އަދިވެސް ބައެއް ފަހަރު ޕްރޮލެޕްސްގެ ހާލަތު ބޮޑުވެ ޖިންސީ އެދުމުގެ މައްސަލަ ބޮޑުވެގެން ދެއެވެ. އަނބިފިރިކަމުގެ ގުޅުމުން ކިތަންމެ ގިނައިރުވެ ކިތަންމެ ގިނަ ފަހަރު ވިޔަސް "ސެޓިސްފައި" ނުވާ ހިސާބަށް ދިއުމާއި އެހެންވުމުން ރުޅިއައުމާއި މިއީ ހައްތާވެސް "ޕްރޮލެޕްސް"ގެ ހާލަތު ސީރިޔަސްކަން އަންގައިދޭ ކަންތަކެވެ. މިހެން ވާން ދިމާވަނީ ހިއްސުތަކުން އިހުސާސްކޮށްދޭ ކޮށްދިނުން ކެނޑިގެންދާތީއެވެ. ހަގީގަތަކީ އޭގެ ފަހުން ބޮލުގައި ރިއްސުމާއި އުނަގަނޑުގައި ރިއްސުން އެ މާނަކޮށްދެނީ ރަހިމު ނޫނީ ކާވިކްސް ގައި ރިއްސުމެވެ.
ރަހިމުގެ މިފަދަ މައްސަލައެއް އިހުސާސްވާނަމަ، ނޫނީ މިފަދަ އަލާމާތެއްގެ އަސަރު ފެންނަ ކަމުގައި ވިޔަސް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ފަރުވާއަށް ނުވިސްނައި އެކަށީގެންވާ، ކަމާ ބެހޭ ސިއްހީ މާހިރެއްގެ ލަފާ ހޯދުމެވެ. ޑރ. ޝަޔަމް ވިދާޅުވާ ގޮތުގައި ގިނަ ފަހަރު ޕްރޮލެޕްސް ވުމުން އަންހެނުންނަށް ސީދާ ޖިންސީ ގުނަވަނުން ބައެއް ބޭރުވާކަަމުގެ އިހުސާސް ނުވާނަމަ ނުވަތަ ނުފެންނަނަަމަ ޕްރޮލެޕްސްގެ ކަމެއް އުޅޭ ކަން ނޭނގި އޮވެއެވެ. ސަބަބަކީ ޖިންސީ ގުނަވަންތަކަށް ދިމާވާ މައްސަލަތަކުން އާންމުކޮށް ތަދުވާނީ އުނަގަނޑު ނޫނީ ބޮލަށް ކަމަށް ވާތީ އެވެ. ސީދާ ޖިންސީ ގުނަވަނުގައި ގިނަފަހަރު ރިއްސާނީ މައްސަލަ ބައްޔަކަށްވެ، ނުރައްކާ ފައްތަރަކަށް ދާ ފަހުންނެވެ. ގިނަފަހަރު ޕްރޮލެޕްސްވެފައިވާ ކަން އެނގޭއިރު ވަރަށް ނާޒުކު ހިސާބަކަށް ހުންނާނީ ގޮސްފައެވެ. އެހެންކަމުން އެނގުމާއެކު ޑޮކްޓަރީ ފަރުވާ ފެށުމަށް ސަމާލުވާން ޖެހޭނެއެވެ. އެހެންނޫނީ ކެންސަރުފަދަ ނުރައްކާތެރި ހިތާމަވެރި ހާލަތެއް މެދުވެރިވުން ވަރަށް ގާތެވެ.