އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލު އަތުން 4-2 އިން ބަލިވެ, ޓޮޓެންހަމަަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ހަނިވެއްޖެއެވެ.

ލިވަޕޫލުގެ އެންފިލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ލިވަޕޫލު ވަނީ މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓީމުގެ ޓޮޕްސްކޯރާރ މުހައްމަދު ސޮލާހެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިވަޕޫލު ވަނީ އެ ޓީމުގެ ލީޑު ދެ ގޯލަށް ފުޅާކޮށްފައެވެ. މި ލަނޑަކީ, އޭންޑްރޫ ރޮބާޓްސަން ކާމިޔާބު ކުރި ލަނޑެކެވެ. ރޮބާޓްސަންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ތެރޭގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ހާވީ އެލިއޮޓް ވަނީ ލިވަޕޫލުގެ ލީޑު ހަތަރު ގޯލަށް އިތުރުކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ރިޗާލިސަން ވަނީ ޓޮޓެންހަމަށް ސުންކަނޑާލަދީފައެވެ. އޭގެ ފަސް މިނެޓު ފަހުން ހިއުންގް މިން ސޮން ވަނީ ލަނޑު ޖަހާ ލިވަޕޫލުގެ ލީޑު ދެ ގޯލަށް ކުޑަކޮށްފައެވެ. ނަމަވެސް ޓޮޓެންހަމަށް އިތުރަށް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު ވަނީ, ހުސްއަތާ އެނބުރި ރަށަށް ދާން ޖެހިފައެވެ.

މެޗުން ބަލިވުމާއެކު ޓޮޓެންހަމަށް ވަނީ ހަތަރުވަނައިގައި އޮތް އެސްޓަން ވިލާއާ ޕޮއިންޓުގެ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. އެއާއެކު ދެން އަން ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ލިބުމުގެ ފުރުސަތު ޓޮޓެންހަމަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ޓޮޓެންހަމް ތާވަލުގެ ފަސްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 60 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތް އެސްޓަން ވިލާއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ މެޗުން މޮޅުވި ލިވަޕޫލެވެ. އެ ޓީމު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 78 ޕޮއިންޓާއެކުގައެވެ.