ދުއްވާފައިދިޔަ ސައިކަލަކުން ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ގއ. ދާންދޫގައި ހިނގި މި އެކްސިޑެންޓާ ބެހޭގޮތުން ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 6:10 އެހައިކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެރަށަށް ގޮސް ހުރި ފުވައްމުލަކު ކުއްޖަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކުޑަކުއްޖާއަށް ސީރިއަސް އަނިޔާ ވުމުން އޭނާއަށް މިހާރު ދަނީ ގއ. ވިލިގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ އެކްސިޑެންޓުގައި ކުއްޖާގެ ބޮލަށާއި ފަޔަށް އަނިޔާވެފައިވާ ކަމަށް އެނގިފައެވެ.

އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވެސް ވަނީ އަނިޔާވެފައެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. ދާންދޫ ސިއްހީމަރުކަޒުގައެވެ. އޭނާ ވެސް މިހާރުވަނީ އިތުރު ފަރުވާއަށް ވިލިގިލީ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ސައިކަލް ދުވުމުން ކޮންޓްރޯލް ނުވެގެން ގޮސް ކުއްޖާގެ ގައިގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.