ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ކުރިން ކުރެއްވި ތުހުމަތުތައް އެއްކޮށް ބަދަލުކޮށްލައްވައިފިއެވެ. މިހާރު އިމްރާން ޚާން ވިދާޅުވަނީ އޭނާގެ ސަރުކާރު ވައްޓާލީ އެމެރިކާއިން ނޫން ކަމަށެވެ.
ވޮއިސް އޮފް އެމެރިކާއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ޚާން ވިދާޅުވީ ކުރިން އޭނާއާއި ބައިވެރިން ބުނި ގޮތާ ޚިލާފަށް މިހާރުގެ ސަރުކާރަކީ އިމްޕޯޓް ކޮށްފައިވާ ސަރުކާރެއް ނޫން ކަމަށެވެ.
ޚާން ވިދާޅުވަނީ އޭނާއަކީ އެމެރިކާއާ ދެކޮޅު މީހެއްކަމަށް ދައްކައިގެން އޭނާ ވެރިކަމުން ބޭރު ކޮށްލުމަށް އެމެރިކާއަށް ވަސްވާސް ދިނީ އޭރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ބާޖްވާ ކަމަށެވެ.
އަދި އޭނާގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައި އޮތީ އެމެރިކާ ނޫން ކަމަށެވެ. މީގެ ކުރިން އެމެރިކާ ޒިންމާދާރުކޮށް އެމެރިކާއިން އޭނާގެ ސަރުކާރު ވައްޓާލީކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވައި އެކަމުގެ ކިޔާބީ ހެކި ހުރިކަމަށްވެސް ޚާން ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތަކުން ދެގައުމުގެ ދެމެދުގެ ދެމެދު ގުޅުމަށް ބުރޫއަރާ ހިސާބަށް ކަންކަން ދިޔައެވެ. ނަމަވެސް އިމްރާމް ޚާން ވަނީ އޭނާގެ ތުހުމަތުތައް އެއްކޮށް ބަދަލު ކޮށްލައްވާފައެވެ.