މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް"ގެ ރާއްޖޭގެ އެމްބެސެޑާރ އަދި ނަން މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން)، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކައިޒީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ކައިޒީން އޭނާގެ ބައްޕައަށް "މިހިރީ 5" ބޯޓު ގަތުމަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާ ކަމަށާއި ނަަމަވެސް އެ ބޯޓު ގަތުމަށްފަހު ރަޖިސްޓްރީ އޭނާގެ ބައްޕަގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ސިވިލްކޯޓަށް އޭނާ ހުށަހެޅި މައްސަލައެކެވެ.
މައްސަލައިގައި ކައިޒީން ބުނެފަައި ވަނީ ރަޖިސްޓްރީ ބަދަލުކޮށްފައި ވަނީ އޭނާގެ ރުހުމުގައި ނޫންކަމަށް ވުމުން އެ ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް ދިނުމަށް ބައްޕަ، އިބްރާޙީމް އަލިފުޅުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅައި ދިނުމަށާއި ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކޮށް ދިނުމަށާއި ތިން ދުވަހުގެ ތެރޭގައި ބޯޓު ކައިޒީނާ ހަވާލު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.
އެ މައްސަލާގައި ބޯޓުގެ މިލްކުވެރިކަން ބަދަލުކޮށް، ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ސިވިލްކޯޓުން ވަނީ ނެރެފަ އެވެ.
މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ވަގުތީ އަމުރެއް ކުރިން ނެރެފައިވާތީ، އެ މައްސަލާގައި އިއްޔެ ކޯޓުން ނިންމީ، ކައިޒީން ވަގުތީ އަމުރަކަށް އެދުނު ކަންކަމަކީ އޭނާ އުފުލާފައިވާ ދައުވާގައި ވެސް ހުރި ކަންކަމަށް ވާތީ އާއި އަދި ކައިޒީން ހުށަހެޅި ބައެއް ކަންކަމަށް މީގެ ކުރިން ވެސް ވަގުތީ އަމުރެއް ނެރެފައި ވުމުން އިތުރު އަމުރެއް މި ވަގުތަށް ނެރެން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.