ވަރަށް އަވަސް އަރުވާލާފައި، ފައިސާ ނަގާ އޭޓީއެމް ކައިރިއަށް މަޑުކޮށްލި ފިރިމީހާގެ ސައިކަލުގެ ފަހަތުން ފުންމާލި އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ބޭންކަށް ވަދެގެން ދިޔަ ވަގުތު ނުކުންނަން އައި ދެމަފިރިއެއްގެ ތެރެއިން އަންހެންމީހާ ހައިރާންވެފައި ގޮވާލިއަޑާއެކު "އަސްތާ. ހާދަހާ ފަލައޭ." ބުނި އަޑު އެހީމެވެ. ސަމާލުކަން އެވަގުތު ނުދެވުނަސް އޭޓީއެމްއިން ފައިސާ ނަގައިގެން ނުކުންނަން އައި ވަގުތު އެއިވުނު ޖުމްލައާ މެދު ވިސްނާލެވުނެވެ.

ބޭންކުގެ ބޭރު މަގުގައި އިން ފިރިމީހާގެ ގާތުގައި އެއްކަލަ ދެމަފިރިން ތިބިތަން ފެނުމުން ވަގުތުން ހިތަށް އެރިއެވެ. ސަހަލުގޮތެއް ނުވާނެއެެވެ. ހިކުމަށް މޮޅު ގޮތެއް ކިޔައިދެނީކަން ޔަގީނެވެ. ހަމަ ރަނގަޅަށްވެސް ޑޮކްޓަރެއްހެން އެ ކިޔައިދެނީ އަހަރެންގެ ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ ކަންތައްތަކެކެވެ.

"މަވެސް ހާދަ ފަލަކޮށް ހުއްޓައޭ މިހިރީ ހިކިފަ. ހަމަ އޭގެ ޖާދޫ. މިދެނީ ގެރެންޓީ. ހަފުތާއެއް ތެރޭ މަރީނާގެ 7 ކިލޯ ލުއި ނުވެއްޖެނަމަ އަހަރެމެން ދެމީހުންގެ ފަރާތުން 7 ހާސް ތިކޮޅަށް."

ހިނިވެސް އައެވެ. ރުޅިވެސް އައެވެ. އެކަމަކު ހެވިލާފައި ސައިކަލުގައި އިށީނދެ އެމީހުންނަށް ތޭންކްސް އޭ ބުނީ، އެޗެލެންޖު ބަލައިގަންނަމޭ، ހަފުތާއެއް ފަހުން ހިކިދާނެދޯއޭ ކިޔަމުންނެވެ.

ހީކުރި ގޮތާ ހިލާފަށް ފިރިމީހާ އެމީހުން ދެއްކި ވާހަކައަކާ އަޅައެއް ނުލިއެވެ. އެމީހުން އެ ދެއްކީ ކޮން ބޭހެއްގެ ވާހަކަ ބާވައެވެ.

"ކޮފީއަށް ލުނބޯއަޅައިގެން ބޭނުން ކުރާ ވާހަކަ ދޯ.!؟" އެންމެފަހުން އަހާލެވުނެވެ. ދެން ދެމީހުންނަށްވެސް ހީނގަނެވުނީ އެއްފަހަރާއެވެ. އޭރު އަހަރެމެންގެ ތެރެއިން އެކަކު އަތުގައި ލެމަނޭޑް ތަށްޓެއް ހުރިއިރު އަނެއްމީހާގެ އަތުގައި ކަޅުކޮފީތަށްޓެއް ހުއްޓެވެ. ދެމީހުން ތިބީ ގޭގެ ކާކޮޓަރީގައެވެ.

އަނެއްކޮޅުން ހަމަ ދިމާކުރިމަތީގައި ޑޮކްޓަރ މުހައްމަދު އަލީގެ ފޭސްބުކް ޕޭޖުގައި ތައްޔާރުކޮށްފައިވާ ވީޑިޔޯއެއްގެ އަޑު ބާރަށް އިވެމުންދިޔައެވެ.

ކޮފީއާއި ލުނބޯއާ އެއްކޮށްގެން ކާހިތް ކުޑަވުމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަނަށް ލުޔެއް އަޔަސް އޭގެ ސައިޑް އިފެކްޓް ނޫނީ އޭގެއިން ލިބިދާނެ ގެއްލުމާއި ވެދާނެ ބައްޔަކާމެދު ވިސްނާލެވުނުބާވައެވެ.

ދިރާސާތަކަށް ބަލާއިރު މިހާތަނަށް އެއްވެސް ދިރާސާއެއް ފެނިފައެއް ނެތެވެ. ކެއުމަށް ބޮޑެތި ބަދަލުތައް ގެނެސް ކާގަޑިތަކުގައި މިންހެޔޮ ކެއުމަކާއެކު އެދެވިގެންވާ ކަސްރަތެއް ކޮށްގެން ބަރުދަން ލުއި ކުރުމާއެކު ދުޅަހެޔޮ ސިއްހަތެއްގައި މީހާ ދެމިހުރެވޭނެ ގޮތް އޮންނާނެއެވެ.

ސޯޝަލް މީޑިޔާގައާއި އަދިވެސް ބައެއް ކަހަލަ ވައިބާ ގްރޫޕްތަކުގައިވެސް ކަޅުކޮފީއަށް ލުނބޯހުތް އެއްކޮށްގެން ބުއިމަށް އިރުޝާދު ދީ ފާޑުފާޑުގެ ވަސްވާސް ވާހަކަތައް ދައްކާފައި ހުރެއެވެ. ހަމައެެހެންމެ ކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމުން ހިކޭ ކަމަށް ގަބޫލު ކުރާ މީހުން ހަމަ ވަރަށް ގިނައެވެ. އެކަމަކު އެ ބުއިމުން ވާގޮތް އެނގޭ މީހުން އެހާމެ މަދެވެ.

ރާއްޖޭގެ ފިޒިޝަން، އެތެރެހަށީގެ ހާއްސަ ޑޮކްޓާރ، ޑރ. މުހަައްމަދު އަލީގެ ވީޑިޔޯގައި ވަރަށް ފުރިހަމައަށް "ކޮފީއާއި ލުނބޯ" އެއްކޮށްގެން ބުއީމާ ވާނޭ ގޮތާއި އެ މަސައްކަތް ކުރާ ގޮތް ކިޔައިދޭން ފެށިއިރު އަހަރެމެން ދެމަފިރިން ތިބީ ރޭގަނޑުގެ ކެއުމަށް ސިއްހަތަށް ފައިދާ ހުރި ސެލެޑެއް ތައްޔާރު ކުރާށެވެ.

ޑރ. މުހައްމަދު އަލީގެ އަޑު އަހަމުން ކޮފީ ފޮދުފޮދުން އަދި ލުނބޯފަނިން އެތިފޮދު ބޮމުން ދެމީހުން މަސައްކަތުގައި ކުރިއަށް ދިޔައީމެވެ.

ކޮފީ އަދި ލުނބޯއަކީވެސް ހަށިގަނޑުން ވަރަށް ބައިވަރު ޓޮކްސިކް ނެރެދޭ ދެބާވަތެކެވެ. ނަމަވެސް މިދެބާވަތް އެއްކޮށްގެން ހައިބަނޑާ ހުރެ ބޭނުން ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ކޮފީއަށް ލުނބޯ އެއްކޮގެން ހައިބަނޑާ ހުރެ ބުއިމުން، ގޮހޮރުގެ އެތެރެފަށަލައަށް ބަދަލުތަކެއް އައިސް، ކާހިތްވާ ވަރު ކުޑަކޮށްދެއެވެ. އެހެންވުމުން މީހާ ހިކެނީ ކަމަށްވާނަމަ އޭގައި ހުރި ގެއްލުންތައް އިހުސާސްވެސް ކުރެވެންވާނެއެވެ.

ކަޅުކޮފީއަށް ލުނބޯއެއްކޮށް ހައިބަނޑާ ހުރެ ބުއިމަކީ ގެއްލުން ހުރި ކަމެއް

މި ގޮތަށް ކާހިތްވާވަރު ކުޑަވުމުން ނުކެއުމުގެ ސަބަބުން ބަރުދަން ލުއިވެދާނެއެވެ. އެހެންނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މިގޮތަށް ނުކައި ހުރުމުގެ ސަބަބުން ގައިގެ ވަރުދެރަވުން ދިމާވާނެއެވެ. ހަށިގަނޑަށް ބޭނުންވާ މިނެރަލްސް، ޕްރޮޓީންސް ނުލިބިގެން ބަލިވެދާނެއެވެ.

"ވަރަށްގިނައިން ޕޯސްޓުތަކުގައިވެސް އޮވޭ ލުނބޯއާއި ކޮފީ އެއްކޮށްގެން ބޭނުން ކުރުމުން ސަރުބީ ވިރުވާ ހިއްކާލައޭ. ކޮފީއަކީ އެންޓިއޮކްސިޑެންޓެއް. ހަށިގަނޑުގަ އުފެދޭ ޓޮކްސިންސް ކޮންމެވެސް ވަރަކަށް ބޭރުކޮށްދޭ މާއްދާއެއް، އަދި ވިޓަމިންސީ ހިމެނޭ ލުނބޯވެސް ޓޮކްސިންސް ބޭރުކޮށްދޭ، މީގެ ސަބަބުން ވެދާނެ ގޮތަކަށް މިއޮންނަނީ ކާހިތްވާވަރު މަދުވަނީ. ކޮފީއާއި ލުނބޯއެއްކޮށް ހުސްބަނޑާ ހުރެ ބޭނުން ކުރުމަކީ ގޮހޮރުގެ އެތެރެފަށަލައަށް ވަަރަށް ބޮޑު އުނދަގޫ ހާލަތެއް، އެތެރެފަށަލައަށް ބަދަލުތަކެއް އައިސް ކާހިތް ކުޑަކޮށްފާނެ. ނަތީޖާއަކީ ވަރަށްބޮޑަަށް މީހާ ބަލިވުން. އެއްވެސް ދިރާސާ އަކުން ކަޅުކޮފީއާއި ލުނބޯހުތް އެއްކޮށްގެން ބޭނުންކުރާ އެއްވެސް ބުއިމެއްގެ ވާހަކައެއް ނެތް."

ޑޮކްޓަރ މުހައްމަދު އަލީގެ ވާހަކަ އިވުމުގެ ކުރިންވެސް މިއީ ކިހާ ނުރައްކާތެރިކަމެއް ކަން އަހަރެމެންނަށް އެނގެއެވެ.

މިގޮތަށް ކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމެއްގެ ގޮތުގައި ބަރުދަން ލުއިކުރުމަށްވުރެން، ކަސްރަތުކޮށްގެން އަދި ގަޑިންގަޑިއަށް ''މިންހަމަ" ކެއުމެއް ބޭނުން ކުރާނަމަ ފައިދާ ކުރަނިވި ގޮތެއްގައި ބަރުދަން ލުއިކުރެވިދާނެއެވެ.

ހިކުމާއި ހަށިގަނޑު ލޫޅާފަތި ކުރުން ނުވަތަ ފިޓުވުމަށް ކުރެވޭ މަސައްކަތަކީ ސިއްހީ ގޮތުން ރަނގަޅު ނޫން އާދަތަކެއްގެ ތެރެއިން ކުރެވޭ ކަމަކަށް ވެގެން ނުވާނެ އެވެ. ބަރުދަން ލުއި ކުރުމަށް ނުވަތަ ހިކުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޮޑު އަދި ނުރައްކާތެރި ބައްޔަކަށް މީހާ ހުށަހެޅިގަތުމަށްވުރެ މިފަދަ ތާކުން އިވޭހާ އަޑުތަކުން ރައްކާތެރިވެ ވިސްނުމާއި ބުއްދިން ކަންތައްތައް ކުރުން މާބޮޑަށްވެސް ފައިދާ ކުރާނެއެވެ.