މިއަދަކީ ދުނިޔޭގެ ރޭޑިއޯގެ ދުވަހެވެ. ޕާޓޭ ކަލްޗާގެ މިޒަމާނުގެ ޒުވާނުންނަށް ރޭޑިއޯ އޭ ބުނުމުން ފަހަރެއްގައި ނޭނގިދާނެއެވެ. އެއީ، އެއް ޒަމާނެއްގައި މީހުން ޚަބަރާއި މައުލޫމާތު ލިބިގަތުމަށް ބޭނުން ކުރި އަޑު ފޮށްޓެކެވެ. ގޭގެ މެދުގޭގައި ބެހެއްޓި މާސިންގާ ފޮށްޓަކުން ކުޑަވަމުން ގޮސް އަތް ތިލައަކަށް ވުރެން ރޭޑިއޯ ކުޑަ ވެގެން ދިޔައެވެ. ރޭޑިއޯ ކުޑަވަމުން ދިޔައީ ޓެކްނޮލޮޖީއަށް އަންނަމުން ދިޔަ ބަދަލުތަކާ އެކުގައެވެ.

އިންޓަރނެޓާއި މީސްމީޑިއާ އައުމުގެ ކުރިން ކޮންމެ ދުވަހެއްގައި ދިވެހިން ހެނދުނު ހޭލާނީ، ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ކީރިތި ޤުރުއާނާއި އޭގެ ތަރުޖަމާއަށެވެ. އެއަށްފަހު ދުވަސް ފަށާނީ އެ ދުވަހަށް ޚާއްސަ ޕްރޮގްރާމަކުންނެވެ.

"ދިޔަވަރު ރަނގަޅު އޮޑި ރިޔަލަށް...." މިފަދަ ތީމެޓިކް ލަވަތަކަކީ އެއިރުގެ ހެނދުނުގެ އާންމު އަޑުތަކެވެ. ދަނޑުވެރިންނާއި މަސްވެރިންނާއި އަސާސީ ތައުލީމާއި އާންމު ސިއްހަތާއި މުދައްރިސުން ކުރެ ކޮންމެ ބަޔަކަށް އެކަށީގެންވާ 20 މިނެޓްގެ ޕްރޮގްރާމެއް ހެނދުނު 6 ޖަހާއިރު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އިރު އޮފީހަށް ދާން ސަރުކާރު މުވައްޒަފުން ތިބޭނީ ޓައި ގޮށް ޖަހާށެވެ. 7ޖަހާއިރު ގެނެސްދޭ ޚަބަރު އަޑު އެހުމަށްފަހު ބައިސިކަލް ފެޑަލް ކުރާން ފަށާނެއެވެ.

މީޑިއާ މީހުންގެ މަދު ޒަމާނެއްގައި ދުވާލުގެ ބޮޑު ބައިގައި ގެނެސްދެމުން ދިޔައީ ހިންދީ ލަވައެވެ.

1895ގައި މާކޯރނީ އުފެއްދި ރޭޑިއޯ ސިގްނަލް ފޮނުވާ ވަސީލަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ، ހާރޓްޒްއާއި މެކްސްވެލްގެ އީޖާދުތަކުންނެވެ. މިއިން ކޮންމެ ނަމެއްވެސް ތާރީޚަށް ދަމަހައްޓާ ފައިވަނީ އެމީސްމީހުންގެ ނަމާ ގުޅުންހުރި ތަކެއްޗަށް ނަން ދީފައިވާ ވުމުންނެވެ.

ދިވެހިރާއްޖޭގައި މަރުޙޫމް ރައީސް އިބްރާހީމް ނާސިރު ފަށްޓަވައި ދެއްވި ރޭޑިއޯއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއްވީ، ގިނަ އަދަދަކަށް ރޭޑިއޯ ސްޓޭޝަންތައް ހިންގައި ރޭޑިއޯގެ މުއްސަނދި ސަގާފަތެއް އޮތް މިސްރުން ތައުލީމު ހާސިލުކުރެއްވި މައުމޫންގެ ވެރިކަމުގައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު، އޮސްޓްރޭލިއާ ސަރުކާރުން ރޭޑިއޯ ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީ ކުރުމަށް މުހިންމު މަސައްކަތެއް ކޮށްދިނެވެ. ރާއްޖޭގެ ތާރީޚުގައި ބެއްވި އެންމެ ފުރަތަމަ މަސައްކަތު ބައްދަލުވުން ބ. އޭދަފުށީގައި ބޭއްވީ އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާ ކުރި 5 ކިލޯވޮޓްގެ މީޑިއަމް ވޭވް ޓްރާންސްމީޓަރ ބެހެއްޓުމުގެ މަސައްކަތް ހިނގި ދުވަސްވަރުގައެވެ. ރޭޑިއޯ ހަވީރުގެ ފޯމެޓްތައް އެކުލަވާލައި އެ ސިލްސިލާއަށް ރޭޑިއޯ ސްކްރިޕްޓް ލިޔުމަށް މީހުން ތަމްރީން ކުރީ އެ މަސައްކަތު ބައްދަލުވުމުގައެވެ.

އެމަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދިން އޮސްޓްރޭލިއާގެ ތަޖުރިބާކާރަކީ ރޭޑިއޯ ޕްރޮޑަކްޝަންގެ ތަޖުރިބާކާރެކެވެ. ރާއްޖޭގައި އޭނާގެ މަސައްކަތަށް ފަހު، ޕީއެޗްޑީއެއް ހާސިލުކޮށްގެން އޭނާ ޔުނިވަރސިޓީ ޕްރޮފެސަރއަކަށް މސައްކަތް ކުރިއެވެ. އަދި ރޭޑިއޯ ބްރޯޑްކާސްޓިން އެއްގައި އޭނާގެ އަޑު އަޅުގަނޑަށް އެންމެ ފަހުން އިވިގެން ދިޔައީ، 1 ޖުލައި 1997ގައި އިނގިރޭސިން، ހޮންކޮންގ ޗައިނާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔަތު ބްރޯޑްކާސްޓް ކުރުމުގެ ތެރޭގައެވެ. އޭނާގެ ނަމަކީ ޑރ. ކީތު ޖެކްސަން އެވެ.

ރޭޑިއޯއަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ވަސީލަތެކެވެ.

ދުނިޔޭގެ ރޭޑިއޯ ދުވަހަކީ، ޔުނެސްކޯގެ މެމްބަރު ގައުމުތަކުން 2011ގައި ފާހަގަ ކުރުމަށް ނިންމި ދުވަހެކެވެ. އެއަށްފަހު، 2012 ވަނަ އަހަރު އދގެ އާންމު މަޖިލީހުން ވަނީ 13 ފެބްރުއަރީ އަކީ ދުނިޔޭގެ ރޭޑިއޯ ދުވަސްކަމުގައި އިޙުތިފާލު ކުރަން ނިންމާފައެވެ. މިއަހަރުގެ ދުނިޔޭގެ ރޭޑިއޯ ދުވަހުގެ ޝިއާރަކީ، "ރޭޑިއޯއާއި ސުލްޙަ" މިއެވެ.