ޕާކިސްތާންގައި އަންހެނުން ރޭޕް ކުރުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފާސްކޮށްފައިވާ ގާނޫން ރައީސް ތަސްދީގް ކުރައްވައިފިއެވެ. މިއާއެކު ޕާކިސްތާންގެ ރޭޕިސްޓުންގެ ވަކި ދަފްތަރެއް ވެސް އެކުލަވާލެވޭނެއެވެ.
މި ގާނޫނު ތަސްދޫގް ކުރުމާއެކު ވަގުތުން އަމަލު ކުރަން ފެށޭނެއެވެ. މި ގާނޫނު ވުޖޫދަށް އައިސްފައިވަނީ މި ފަހަކަށް އައިސް ޕާކިސްތާންގައި ޖިންސީ ކުށްތަށް ގިނަ ވުމާ ގުޅިގެންނެވެ. ވަކިން ޚާއްސަކޮށް ސެޕްޓެމްބަރު މަހު ހައިވޭއެއްގައި ދަރިންގެ ކުރިމަތީގައި އެކުދިންގެ މައިމީހާގެ އިއްފަތް ފޭރިގަތުމާ ގުޅިގެންނެވެ.
ގުޅުން ހުރި ލިޔުން.....
ތިން މީހަކު ވެގެން އަންހެނަކު ރޭޕް ކޮށްފި
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ވެރިން ދެއްކި ވާހަކަތަކާއެކު މީހުން ވަނީ އަންހެނުންނަށް ގަދަރުދީ އަންހެނުން ހިމާޔަތް ކުރުމަށް ފަށްފަށުން ސަރުކާރަށް ގޮވާލާފައެވެ.
ޕާކިސްތާންގެ ރައީސް އާރިފް އަލަވީގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންހެނުންނާއި ކުޑަ ކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އަވަސްގޮތަކަށް ނިންމުމަށް މި ގާނޫނުން އެހީވެދޭނެ ކަމަށެވެ.
މި ގާނޫނު އެންމެ ފުރަތަމަ ހުށަހެޅުއްވީ ބޮޑު ވަޒީރު އިމްރާން ޚާންއެވެ. ޚާން ވިދާޅުވީ މި ކަހަލަ މައްސަލަތައް ހަ މަސްދުވަސް ތެރޭ ނިންމަން ޖެހޭނެ ކަމަށާއި ރޭޕްގެ މައްސަލަތަކަށް ޚާއްސަ ކޯޓްތައް އުފެއްދުމަށެވެ. މި ގާނޫނުން ރޭޕް ގެ ޝިކާރައަކަށް ވާމީހުންގެ ވަނަވަރު ހާމަ ކުރުން މަނާ ކުރެއެވެ.
މީގެ ކުރިން ޕާކިސްތާންގައި ދެ އިނގިލި ބާނައިގެން ރޭޕްގެ ޝިކާރައަކަށްވާ މީހުންނަށް ހަދަމުންދިޔަ ބިކުރުވެރިކަމުގެ ޓެސްޓް ހެދުންވެސް މިގާނޫނުން މަނާ ވެގެން ދާނެއެވެ. ކުރިން ހެދި މި ޓެސްޓްގެ މަގްސަދަކީ ރޭޕްގެ ޝިކާރައަކަށްވި މީހާގެ މާޒީގެ ޖިންސީ ހަރަކާތުގެ މަޢްލޫމާތު ދަނެގަތުމެވެ.
ސަރުކާރުން ހާމަކޮށްފައިވާ މަޢްލޫމާތުން އެނގެނީ މިއަހަރު ގެ ތެރޭ ޕާކިސްތާންގައި ދުވާލަކަށް 11 ރޭޕް ކޭސް ހިނގާފައިވާ ކަމަށެވެ. ސަރުކާރުގެ ލަފައަކީ މިއަދަދު މިއަށްވުރެން އިތުރު ވާނެ ކަމަށެވެ.
ސްޕެކްޓޭޓަރ ގައި ކަންވަރު ޚަލްދޫން ޝާހިދު ލިޔެފައި ވެއެވެ.
ވަރލްޑް އިކޮނޮމިކް ފޯރަމްގެ ޖެންޑަރ ޕެރިޓީގެ ގިންތީގައި ޕާކިސްތާނަކީ، އެންމެ ތިރިން ތިން ވަނައެވެ. ކޮންމެ އަހަރަކުވެސް ޕާކިސްތާންގައި އެއް ހާސް އަންހެން ކުދިން އާއިލާގެ އަބުރު ދެމެހެއްޓުމަށްޓަކައި މަރާލެވެއެވެ. މުސްލިމު ނޫން އެއް ހާސް އަންހެން ކުދިން ގަދަކަމުން މުސްލިމުންނާ ކައިވެނި ކޮށްދެވެއެވެ. އެތައް ޑަޒަން އަންހެން ކުދިންނެއް އަލިފާންއާވި ފެނުގެ ޝިކާރައަކަށް ވެގެން ދެއެވެ. ޕާކިސްތާނަކީ ކަންވަރު ޚަލްދޫން ޝާހިދު ސިފަކުރި ގޮތުގައި ދުނިޔޭގައި އަންހެނުންނަށް އެންމެ ނުރައްކާތެރި ހަވަނަ ގައުމެވެ. އޭނާގެ މި މަޢްލޫމާތަށް ހަވާލާދީފައި ވަނީ ރޮއިޓަރޒްއަށެވެ.
ކުރިން އިމްރާން ޚާން ހުށަހަޅުއްވާފައި ވަނީ ރޭޕް ކުރާ މީހުން ކެމިކަލް ބޭނުންކޮށްގެން ހޯޖާ ކުރުމަށެވެ. ނުވަތަ އާންމު މައިދާނެއްގައި ދަންޖެއްސުމަށެވެ. ނަމަވެސް މިފަދަ އަމަލުތަކަކީ ވިޔަފާރީގެ ބައިވެރި ގައުމުތަކުން ރުހޭނެ ކަމަކަށް ނުވާތީ އެކަން ނުކުރެވޭނެ ކަމަށް ޚާން ވިދާޅުވިއެވެ.