މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރާއްޖޭގެ ވެރިކަމަށް އަންނާނީ ހުސްއަތާ ނޫންކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވީ ގިނަ ޕާޓީތައް މިހާތަނަށް ވެރިކަމަށް އައިސްފައިވަނީ ރައްޔިތުންނަށް ހުސް ވައުދުތައް ވުމަށްފަހު ހުސް އަތާ ކަމަށެވެ.

"ނުފުއްދޭނޭހާ ވައުދުތައް ކޮށްގެން އެމްއެންޕީއަކުން ވެރިކަމަށް ނާންނާނެ. އޭގެ ބަދަލުގައި ދިރާސާ ކުރުމަށްފަހު ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ދެނެ ތިބެ އެއީ ކޮށްދެވޭނޭ ކަންކަން ކަމަށް ކަށަވަރު ކުރުމަށްފަހު އަޅުގަނޑުމެން ޕާޓީން ވައުދުވެސް ވާނީ. ހަމަ ތިބެފައިވައި ވެރިކަމަށް އަންނަން ވެގެން ވައުދެއްނުވާނެ. އަޅުގަނޑުމެން ވައުދެއް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ ފުއްދާނެ. ރައްޔިތުން ގާތަށް ހުސް އަތާ މިޕާޓީއަކުން ނާންނާނެ،" ޝިދާތާ ވިދާޅުވިއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މިހާރު ތައްޔާރުވެ ވަޑައިގަންނަވަނީ މިމަހު 15 ގައި ޒުވާނުންނާ ބައްދަލު ކުރެއްވުމަށެވެ. އެއީ ޒުވާނުންގެ މުހުތާދުތަކާއި އެމީހުންގެ ހުރި މައްސަލަތައް ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ. ޒުވާނުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ވައުދުވާނީ އެކަންކަން ބެލުމަށްފަހު ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަކީ ހަމައެކަނި ބްރޭންޑެއް ނޫންކަމަށެވެ. ނާޒިމަކީ މަސައްކަތްތެރި، ހިންގުންތެރި، ހީވާގި އަދި ނަތީޖާ ނެރެފައިވާ އަދި ނެރެމުންދާ ވަރުގަދަ ލީޑަރެއް ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ. އެކަން ނާޒިމްގެ މާޒީން ވެސް ފެންނަން އެބައޮތް ކަމަށް ޝިދާތާ ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެންމެން ނާޒިމާއެކު މަސައްކަތް ކުރުމަށް ޝިދާތާ އެދިވަޑައިގެންނެވިއެވެ.