ހުޅުމާލޭގައި އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންދީފައިވާ ސަރުކާރުގެ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި، ދެއްކެވި ވާހަކަފުޅުގައި ޢިމާރާތް އެމަނިކުފާނުގެ ނަންފުޅަށް ޚާއްސަވެގެން ދިއުމަކީ މަރުހޫމުގެ ގައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް ސޯލިހު ވަނީ، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް މި އިމާރާތް ބިނާވެގެން ގޮސްފައިވުމުން، އޭގެއިން މަރުހޫމު އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ކުލަގަދަކަން ރަމްޒުކޮށްދޭކަމަށް އިޝާރާތް ކުރައްވާފަ އެވެ.

ސަރުކާރު އޮފީސްތަކަށް ހާއްސަކޮށް ހުޅުވުނު މިއިމާރާތް ބިނާކުރެވިފައި ހުރި ހުޅުމާލެއަކީ، މަރުހޫމު ޢުމަރު ޒާހިރު، ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއި އެކު ދިގުމުއްދަތެއްގައި ކޮށްދެއްވި ޚިދުމަތްތަކުގެ ތެރެއިން ވަރަށް ރޭވުންތެރި މަސައްކަތްތަކަކާ އެކު އުފެދިގެން އައި ރަށެއްކަން ފާހަގަކުރައްވާ ކަމަށްވެސް ރައީސުގެ ވާހަކަފުޅުގައި ވެއެވެ. ޢުމަރު ޒާހިރުގެ 49 އަހަރުގެ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި ރައީސު އިތުރަށް ވިދާޅުވީ، ކާތިބެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވައި އެމަނިކުފާނުގެ ޚިދުމަތް ނިންމަވައިލެއްވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައި ކަމަށެވެ.

އިތުރަށް ރައީސް އިބްރާހީމް ސޯލިހު މަރުހޫމުގެ ވާހަކަފުޅުގައި މަރުހޫމު އުމަރުޒާހިރުގެ ނަންފުޅު ދިރުވައި އާލަާކުރެވޭނެހެން މަރުހޫމުގެ ނަމުގައި މި އިމާރާތް ހުޅުވިގެން ދިއުމަކީ އުމަރުޒާހިރުގެ ހަޔާތްޕުޅުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު މުއްދަތެއްގެ ގައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ ހެއްކެއް ކަމުގައެވެ.

ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން ރައީސް މިއަދު ހުޅުއްވައިދެއްވަނީ. --ފޮޓޯ:ރައީސް އޮފީސް

ސަރުކާރުގެ އޮފީސް އިމާރާތްތަކުގެ ތެރެއިން، ހުރަވީ ބިލްޑިން ބާވެ މިހާރު ތަޅާލާފައި ވާއިރު، ޣާޒީ ބިލްޑިން ވެސް ހުރީ ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭވަރުވެފައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިއިމާރާތް ހުޅުވިގެން ދިޔައީ މިފަދަ އިމާރާތަކަށް ވަރަށްބޮޑަށް ބޭނުންޖެހިފައިވާ ވަގުތެއްގައި ކަމަށެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައިކަމަށް ވުމާ އެކު ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑުހޭދައެއް ކުރައްވަންޖެހޭކަން ފާހަގަކުރައްވައި އެ ދަތިކަމަށް ހައްލެއް ހޯއްދެވެމަކީ އެންމެ ބޮޑު އަމާޒު ކަމަށްވެސް ރައީސުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. މި އިމާރާތަށް ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން މުހިންމު ތިން މުއައްސަސާއެއް ބަދަލު ކުރެވިގެން ދިއުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވުންކަމުގައި ރައީސް ވިދާޅުވި އެވެ. ނަމަވެސް އަދިވެސް ސަރުކާރުގެ އޮފީސްތައް ހިންގަން އިމާރާތް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން ރައީސް މިއަދު ހުޅުއްވައިދެއްވުމަށް ފަހު އޮފީސް އިމާރާތް ބައްލަވާލައްވަނީ. --ފޮޓޯ:ރައީސް އޮފީސް

ރައީސް އޮފީސްއުމަރު ޒާހިރު އޮފީސް އިމާރާތުގައި ހަ ފަންގިފިލާ ހުރިއިރު ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަސީލަތްތަކާ އެކު 25،000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެ އެވެ. މި އޮފީސް ޢިމާރާތާ އެކު 21 ކާރާއި، 360 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ.

އިމާރާތުގެ ފަންގިފިލާތައް ބެހިފައިވާ ގޮތަށް ބަލާލާއިރު ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާގައު ޕާކިން އޭރިއާ، ދެވަނަ ފަންގިފިލާގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ތިންވަނަ ފަންގިފިލާގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ހަތަރުވަނަ ފަންގިފިލާގައި އެމެރިކަން އެމްބަސީ، ފަސްވަނަ ފަންގިފިލާގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ހަވަނަ ފަންގިފިލާގައި ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަސް އަށް ހާއްސަކޮށްފައެެވެ.

ޖެންޑާ މިނިސްޓްރީ މިހާރު ވަނީ އެ އިމާރާތަށް އެއްކޮށް ބަދަލުކޮށްފައެވެ. ބާކީ ދެން ހުރި މިނިސްޓްރީތައް ވެސް އެ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.