ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔާމު މިނިވަން ކުރުމަށް ގޮވާލައި މިރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ސޯސަންމަހު ސަރަހައްދުގައެވެ. ފުލުހުންގެ ބަންދަށް ގެންދިޔައީ ކިތައް އަންހެނުން ކަމެއް އަދި ކިތައް ފިރިހެނުން ކަމެއް ކޯލީޝަނުން ހާމައެއް ނުކުރެއެވެ. އެހެންނމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. މިގޮތަށް ހައްޔަރުކުރާ މީހުން ވަރަށް އަވަހަށް ދޫކޮށްލާފައިވެއެވެ.

މިރޭގެ މުޒާހަރާގައިވެސް ވަނީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި މިސަރުކާރުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

މި މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ދެ ޕާޓީއަށާއި ރައީސް ޔާމީނަށް ތާއިދު ކުރާ އާންމު މެމްބަރުން ވެސް ބައިވެރިވިއެެވެ. ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް ޔާމީނެވެ. އެ ޕާޓީން ބުނެފައިވަނީ ރައީސް ޔާމީން ނޫން އެހެން ކެންޑިޑޭޓަކާ މެދު އެޕާޓީން ވިސްނާފައިވެސް ނުވާކަމަށެވެ. އެހެން ކަމުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނޭ ކަމަށް އެޕާޓީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.