މުސްތަގުބަލުގައި ގަލްފް ގައުމުތަގެ ވަރުގަދަ އެއަރލައިންތަކާ ވާދަ ކުރުމަށް އެއަރ އިންޑިޔާއިން މަސައްކަތް ފަށައި 495 މަތިން ބޯޓް ހެދުމަށް އެއަރބަސް އަށާއި ބޮއިން ކުންފުންޏަށް އޯޑަރު ދީފިއެވެ.

މިއީ މަތިންދާ ބޯޓްތަކެއް ހެދުމަށް އެއްދުވަސް ތެރޭގައި ކުންފުންޏަކަށް މިހާބޮޑު އޯޑަރެއް ދިން ފުރަތަމަ ފަހަރެވެ. އެއަރ އިންޑިޔާގެ %100 ހިއްސާ ގަނެ މަޝްހޫރު ޓާޓާ ކުންފުނިން ވަރުގަދަ އެއަރލައިނަކަށް އެއަރ އިންޑިޔާ ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އެއަރ އިންޑިޔާއިން ފްރާންސްގެ އެއަރބަސް ކުންފުންޏަށް އޯޑަރު ދީފައި ވަނީ A320 މަރުކާގެ ނެރޯބޮޑީގެ 210 ބޯޓާއި A350 މަރުކާގެ ވައިޑްބޮޑީގެ 40 ބޯޓަށެވެ.

އެއަރ އިންޑިޔާއިން އެމެރިކާގެ މަޝްހޫރު ބޮއިން ކުންފުންޏަށް އޯޑަރު ދީފައި ވަނީ 737 MAX މަރުކާގެ 190 ބޯޓަށާއި 787 ޑްރީމްލައިނާގެ 20 ބޯޓަށާއި މިނީ ޖަމްބޯ 777X ގެ 10 ބޯޓަށެވެ.

މީގެ އިތުރުން އެއަރބަސްގެ 25 ޖެޓަށްވެސް ވަނީ އޯޑަރު ދީފައެވެ. މި 25 ޖެޓް އެއަރ އިންޑިޔާއިން ބޭނުންވަނީ މިހާރުން މިހާރަށް ބޭނުން ކުރުމަށެވެ.

އެއަރ އިންޑިޔާއިން މިވަގުތު ބޭނުން ކުރަމުން އަންނަ ގިނަ ބޯޓްތަކަކީ ގިނަދުވަސްވެ ބައުވެފައިވާ ބޯޓްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.