އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާޘް، ކ.އަތޮޅުގެ ދެ ރަށަކަށް ޒިޔާރަތް ކުރައްވައި، އެ ދެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ޒިޔާރަތްކުރެއްވީ އެ އަތޮޅުގެ ގުރައިދޫއާއި ގުޅިއަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކާނަލް އަޙްމަދު ޣިޔާޘް، ކުރެއްވި މި ޒިޔާރަތަކީ އެ އޭރިއާގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރެއްވި ޒިޔާރަތެއްކަމަށެވެ.

އެގޮތުން މި ޒިޔާރަތުގައި އެ ދެ ރަށުގެ ހާލަތު ދެނެގަތުމާއި އޭރިއާ ކޮމާންޑުން އެ ރަށްތަކުގައި ހިންގިދާނެ އިޖްތިމާޢީ ހަރަކާތްތަކާބެހޭ ގޮތުންނާއި ރަށު ކައުންސިލްތަކުން ބޭނުންވާ ކަންތައްތަކާމެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކުރެއްވި މި ޒިޔާރަތުގައި މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ކޮމާންޑަރ މޭޖަރ މުޙައްމަދު ޝަފީޢުއާއި މާލެ އޭރިއާގެ ސްޓާފް އޮފިސަރުންނާއި މާލެ އޭރިއާގެ ސާޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ ގެ އިތުރުން މާލެ އޭރިއާގެ ފަޔަރ ކޮމްޕޯނަންޓް ކޮމާންޑަރ ވޮރަންޓް އޮފިސަރ 1 ފާރޫޤް އިސްމާޢީލް ވަނީ ބައިވެރިވެލައްވާފައިވާކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.