ހުޅުމާލޭގައި މިއަދު ހުޅުވި ޢުމަރު ޒާހިރު އޮފީސް ބިލްޑިންގ ހުޅުވުނީ އެފަދަ ޢިމާރާތަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެ އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. "މި އޮފީސް އިމާރާތް ހުޅުވިގެން މިދަނީ، މިފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައި. ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން މިހާރު މިއޮތީ ވަރަށް ބޮޑުވެފައި. މީގެ ކުރިން ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އައި ދެ އިމާރާތުގެ ތެރެއިން ހުރަވީ ބިލްޑިންގ ބައުވެ، ބޭނުންނުކުރެވޭވަރު ވުމުން، މިހާރުވާނީ ތަޅާލައިފައި. އަދި ޣާޒީ ބިލްޑިންގ ވެސް އެހުރީ ވަރަށް ބޮޑަށް ބައުވެ، ބޭނުންނުކުރެވޭވަރު ވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ސަރުކާރުގެ ގިނަ އޮފީސްތައް މިހާރު ހިންގަމުން އަންނަނީ ތަންތަން ކުއްޔަށް ނަންގަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ އިމާރާތްތަކުގެ ކުއްޔަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު ކަމަށެވެ. އެފަހުން ޚިދުމަތްތައް ފުޅާވެފައިވިޔަސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އޭގެ ސަބަބުން މި ދެންނެވިހެން، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައި. އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ޚަރަދު ދަނީ ބޮޑުވަމުން. އެހެންކަމުން، މި އިމާރާތުގެ އެންމެބޮޑު ބޭނުމަކީ، މި ދެންނެވި ދަތިކަމަށް ޙައްލެއް ހޯދުން،" ރައީސް ވިދާޅުވިއެވެ.