ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް، މިއަދު ހުޅުވި ސަރުކާރުގެ އޮފީސް ޢިމާރާތުގެ ސަބަބުން އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ކުލަ ގަދަކަން ރަމްޒުކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި، ސަރުކާރުން ބިނާކުރެއްވި، "ޢުމަރު ޒާހިރު ބިލްޑިންގ" ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރެވިފައި ހުރި، ހުޅުމާލެއަކީ، އެމަނިކުފާނުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއްކަމަށެވެ.

ރައީސް ވިދާޅުވީ ޢުމަރު ޒާހިރަކީ ދައުލަތަށް 49 އަހަރުގެ ޚިދުމަތް ކޮށްދެއްވި ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. ކާތިބެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވައި އެމަނިކުފާނުގެ ޚިދުމަތް ނިންމަވައިލެއްވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އެއީ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވުނު ކަމުގެ ހިތްހަމަޖެހުން. ޤައުމު ބަލައިގަންނާނެ މަސައްކަތްތަކެއް ކޮށްދެއްވުނު ކަމުގެ ހިތްހަމަޖެހުން. ނަތީޖާ ނެރެދެއްވުނު ކަމުގެ ހިތްހަމަޖެހުން. އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއްގެ ޤައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ އެއް ހެއްކަކީ، މި އިމާރާތް އެ މަނިކުފާނުގެ ނަންފުޅަށް ޚާއްޞަވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

"މިއަދު އެ މަނިކުފާނު އަޅުގަނޑުމެންނާ އެކުގައެއް ނެތް. އެހެން ނަމަވެސް، މިއަދު މި އާކުރެވެނީ އެ މަނިކުފާނުގެ ޒިކުރާ. މިއަދު އަގު ވަޒަންކުރެވިގެން މިދަނީ އެ މަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތައް. އެ މަނިކުފާނުގެ ޚިދުމަތުގެ މުއްދަތުން އަޅުގަނޑުމެންނަށް ވަރަށް ރީތި ނަމޫނާތަކެއް ފެންނަން އެބަހުރި،" ރައީސް ވިދޅުވިއެވެ.

މިއަދު ހުޅުވިގެން ދިޔަ މި ޢިމާރާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ބަދަލުކުރެވިގެންދާނެއެވެ. އެ ތަންތަން އައު އިމަރާތަށް ބަދަލުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ ޢިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަޞީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެއެވެ. މި އޮފީސް ޢިމާރާތާއި އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކުރައްވާފައެވެ.