ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް އަދިވެސް ބޭނުންވާ ކަމަށާއި އެފަދަ އިމާރާތެއް ބިނާކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާލުވެއްޖެއެވެ.

"ޢުމަރު ޒާހިރު ބިލްޑިންގ" ހުޅުވުމަށް ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ސަރުކާރުގެ ވަރަށްގިނަ އޮފީސްތައް ހިންގަނީ ކުއްޔަށް ތަންތަން ނަގައިގެން ކަމަށެވެ. އެހެންނަމަވެސް މިއަދު ހުޅުވުނު އިމާރާތަށް އެ ތިން މިނިސްޓްރީ ބަދަލުވުމުން ބަޖެޓުން ކުއްޔަށް ކުރަންޖެހޭ ޚަރަދުތަކުން ބޮޑު ބައެއް ސަލާމަތްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު، ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ ފަދަ މާޙައުލަކާ އެކު ބިނާކޮށްފައިވާ އިމާރާތެއް. ކޮންމެ ފްލޯރއެއްގައި ހިންގާނީ އެއް މިނިސްޓްރީ. ކުރިއަށްވުރެ ޖާގަ ތަނަވަސްވާނެ. އަދި މާޙައުލުވެސް ހިތްފަސޭހަވާނެ. އަޅުގަނޑު ހިތުން މުވައްޒަފުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ، މާލޭގެ ހަލަބޮލިކަމުން ނެއްޓި، ހިތްފަސޭހަ މާޙައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔުން. ހުޅުމާލެ މިހާރު މިއޮތީ އެއްގަމުން މާލެއާ ގުޅައިލެވިފައި. ރަށެކޭ ކިޔަސް ނުވަތަ އަވަށެކޭ ކިޔަސް، ޙަޤީޤަތުގައި މިއީ މާލެއާ މުޅިން ވަކިން އޮތް ތަނެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއިން ބޭރުގައި، ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ބިނާކޮށް، އެ އިމާރާތުގައި މިނިސްޓްރީތަކެއް ހިންގަން ފެށުމަކީ ރާއްޖޭގެ ތާރީޚުގައިވެސް މުޅިން އަލަށް ފެށޭ ކަމެއް ކަމަށެވެ. މިއަދު ހުޅުވި ބިލްޑިން ނިސްބަތްވަނީ ފަހުގެ ތާރީޚުގައި ރާއްޖެ ދުށް ޤައުމީ ޚިދުމަތްތެރިއެއް ކަމަށްވާ އަލްމަރުޙޫމް ޢުމަރު ޒާހިރަށެވެ.

"މި އިމާރާތް ބިނާކޮށްފައި ހުރި މި ބިމަކީ ވެސް، އާދެ، ހުޅުމާލެއަކީ ވެސް އެ މަނިކުފާނުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއް. ހުޅުލޭގެ އުތުރު ފަޅުތެރެއަށް އޮއްސައިލި ފުރަތަމަ ވެލިމުށާއެކު، މި ރަށް ހިއްކައި، ނިންމައި، އިމާރާތްކޮށް، މީހުން ދިރިއުޅޭ ފެންވަރަށް ތަރައްޤީ ކުރުމުގައިވެސް އެ މަނިކުފާނުގެ ޙިއްސާ ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.