ތ. ބުރުނީގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ އެރަށު ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުން ހިންގި ޕްރޮގްރާމެކެވެ.
މި މަހު ތޭރަވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ރަށު ފިހާރަތަކާއި ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ މުހިންމު ކަންކަން ކިޔައިދީފައިވއެވެ.
އެގޮތުން، ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ވައްކަންކުރުމަށް ފުރުސަތު ނުދިނުމަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތާއި ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށާއި އަދި ތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓީވީ ހަރުކުރުމަށް އިރުޝާދުދީފައިވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޭގެ އިތުރުން އެފަރާތުން ވިދާޅުވީ ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށާއި އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށްކުރާ ފޯނުކޯލުތަކުން ރައްކާތެރިވުމަށާއި ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާދައްކާނަމަ އެ ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީންކޮށް، ފޯނަށް އަންނަ ލިންކުތަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
މި މަހު 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ބުރުންޏަކީ ކުށުގެ ނުރައްކާތެރިކަން ކުޑަ ރަށަކަށް ހެދުމާ އަދި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.