އަލަތު ލޯބިވެރިޔާ ނުވަތަ އަލަށް ހިތާވާ މީހާއާއެކު ޒަވާޖީ ހަޔާތުގެ ބިންގާ އަޅައި އިމާރާތް ބިނާ ކުރެވޭނީ ވަރަށް މަދު ބަޔަކަށެވެ. ބައެއް ފަހަރު އަލަތު ލޯބިވެރިޔާއާއެކު ޒަވާޖީ ހަޔާތެއް ފެށްޓިއަސް ކޮންމެވެސް ސަބަބަކާ ހެދި ދެމީހުން ވަކިވާން ޖެހިދާނެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ ގުޅުމަކަށް ފަށައިގެން ކުރިއަށްދާއިރު ތިމާގެ ބައިވެރިޔާގެ ކުރީގެ ބައިވެރިޔާގެ ވާހަކަ ނަގަނަގައިގެން ކިޔުމާއި އަޅުވާ ކިޔުމާއި އަމިއްލަ ނަފުސާ އަޅާ ކިޔައި ފަރަގު ކުރުމާ މިހިރަ މިހިރަ ކަންތައްތަކުގެ ވާހަކައެވެ. އަދި މިހުރިހާ ކަމެއް މިހެން ކޮށްފައި ރުޅި އިސްކޮށް ޒުވާބަކަށް ފަށަނީވެސް ހަމަ ތިމާ އަމިއްލައަށެވެ.

މިހެން ކަންތައް ވާން ދިމާވާ އަމިއްލައަށް ގުޅުމާމެދު ޔަގީންކަން ނުދެވޭތީ އެވެ. ކުރަން ޖެހޭވަރަށް އިތުބާރުވެސް ނުކުރެވޭތީއެވެ. އަދި ޝައްކުގެ ދާއިރާ މާ ފުޅާވެ ޔަގީންކަމާއި އިތުބާރުގެ ދާއިރާ ހަނި ކުރެވޭތީއެވެ. އެއްވެސް ގުޅުމެއްގައި އިތުބާރާއި ތެދުވެރިކަމާއި އިހުލާސްތެރިކަން ނެތި އެގުޅުން ކުރިއަކަށް ނުދާނެއެވެ.

މިއީ ހަމަ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ގިނައިން މިޝަކުވާ ކުރަނީ އަންހެނުން ކަމަށްވިޔަސް ދާދި ފަހުގެ ހޯދުންތައް ބުނާ ގޮތުގައި އަންހެނުންނެކޭ އެއްވަރަށް މިގޮތަށް މިޝަކުވާ ކުރުމުގައި ފިރިހެނުންވެސް ތިބީ ހަމަ ވަރަށް ކުރީ ސަފުގައެވެ.

ލޯތްބަކީ ދީގެން ލިބޭ އެއްޗަކަށް ވާއިރު ތިމާ ލޯބިދޭން އެންމެ މުހިންމުވާ ވަގުތުތަކުގައި އަނެކާއަށް އޭނާގެ މާޒީ ހަނދާންކޮށް ދިނުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ދީގެން ލިބިގަތުމުން، ލިބިގަތުމާއި ދިނުމުން، ހިއްސާ ކުރުމުން ބިނާކުރެވޭ ދިރިއުޅުމެއްގައި ހަގީގީ އާވެއާލާވޭވޭ ހުންނާނެއެވެ. މާޒީގެ ވާހަކަ އަބަދުހެން ގޮވާއިރު އަަނެކާ ތިމާއާއެކުގައި އުޅެން އެ ފެށީ އެއްކަލަ މާޒީއިން މިންޖުވެ އާ ހަޔާތެއް ފަށަން ބޭނުންވާތީކަން ނޭނގެނީހެއްޔެވެ. ތިމާ އޭނާ ނުހަނު ފޫއްސާއި ނުރުހުމާއެކު ވަކިވެގެން އައި ކުރީގެ ބައިވެރިޔާގެ އަމަލުތަކާ އަޅާ ކިޔާނަމަ ހަމަ އެބައިވެރިޔާއަށް ހިތުގައި އޮތް ފޫހި ތިމާއށް ލިބިދާނެކަން ނޭނގެނީހެއްޔެވެ.

ރީތި ނަލަ ދިރިއުޅުންތަކުގައި ހަގީގަތުގައި އެންމެ މުހިންމުކަން ދެވެނީ ހިއްސާ ކުރުމަށާއި ހަގީގަތާ ކުރިމަތިލައިގެން މައްސަލަތައް ހައްލު ކުރުމަށެވެ. ކޮންމެ ދެމީހެއްގެ ދެމެދުގައިވެސް މައްސަ ޖެހޭނެއެވެ. ގުޅުމެއްގައި މައްސަލަ ނުޖެހުމަކީވެސް މައްސަލައެކެވެ. ހަރުދަނާ ގުޅުމެއްގައި މައްސަލަ ނުޖެހެނީއެއް ނޫނެވެ. އެކަމަކު މައްސަލަ ހައްލު ކުރުމުގައި އެކަކު އަނެކަކަށް ދޫދިނުމާއި އަޑުއެހުމަށް ވަގުތުދެއެެވެ. އަޑުއަހައިގެން ވަގުތުދީގެން، ކެތްތެރިކަމާއި ހަރުދަނާކަމާއެކު އެކަކުއަނެކަކަށް ދެނެގަނެގެން ކުރިއަށް ގެންދިއުމުން ހަމަޖެހޭ ރީތިގޮތަކަށް ދިރިއުޅުން ކުރިއަށް ދާނެއެވެ.

ކުރީގެ ގުޅުމުން ބައިވެރިޔާ އަރައިނުގަނެގެން އުޅޭނަމަ ކޮންމެހެން ދިމާކޮށް ވައްބަހުން ނުޖެހިޔަސް އެކަން ހާމަވާނެއެވެ. ނިކަން ފަރުވާތެރިވެ ވިސްނާބަލާށެވެ. ބައިވެރިޔާގެ އާދަކާދަތަކަށް ފަރުވާވެބަލާށެވެ. އޭނާގެ ކުރީގެ ވާހަކަ ވަރަށް ގިނައިން ދައްކާނެއެވެ. ކުރީގެ ލޯބިވެރިޔާގެ ބައެއް ތަކެތި އަދިވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. އަދިވެސް ކުރީގެ ލޯބިވެރިޔާގެ އާއިލާއާ ވާހަކަ ދައްކައެވެ. އޭނާ އަދިވެސް ކުރީގެ ލޯބިވެރިޔާއާ ވާހަކަ ދައްކައެވެ. އަދިވެސް ރައްޓެހިވެގެން އުޅުނުމީހާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޭނާއަށް އެނގެއެވެ. ކަމެއްކޮށްދިނުމުން މިވެނިކަމެއް އޭނާ ކޮށްދެނީ މާރަނގަޅަށޭ އެވެނި ކަމެއްގައި އޭނާ މާ ރަނގަޅޭ މިފަދަ ބަސްތައް އިވޭނެއެވެ.

މިކަހަލަ ގޮތަކަށް ކަންތައް ދިމާވާނަމަ އަވަހަށް ނެގިގާގަޑަށް ބޮލިއަރުވަން ދޫކޮށްލާފައި އަމިއްލަ ނަފުސުގެ ސަލާމަތް ހޯދައިގެން އަމިއްލައަށް އެހެން ދިމާއަކަށް ދާންވީއެވެ. އެކަމަކު މިފަފަދަ ކަމެއް ދިމާނުވެ އެކުގައި ރަނގަަޅަށް ހުރިހާ ކަމެއްގައިވެސް އެންމެ އިސްކަމެއްދެނީ ތިމާއަށް ކަމުގައި ވާނަމަ އުފާ ކުރާށެވެ. އަދި އަމިއްލައަށް އޭނާގެ އެކްސްއާ އަޅުވާ ކިޔައި އަމިއްލައަށް އޭނާގެ އެކްސްގެ ވާހަކަ ދައްކައު މައްސަލަ ނުއުފައްދާށެވެ. އެހެންހަދަން ވެއްޖެނަމަ އޭނަ ތިބާއާ ދުރަށް އެކްސް އާ ދިމާއަށް އެނބުރުން ވަރަށް ގާތްވެދާނެއެވެ.