ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް ޑޯޓްމަންޑުން 1-0 ކުރިހޯދިއިރު، ރަށުން ބޭރުގައި ކްލަބް ބްރޫޖް 0-2 އިން ބަލިކޮށް ބެންފީކާ މުބާރާތުގެ ކުއާޓާފައިނަލާ ފިޔަވަޅެއް ކައިރިއަށް ޖެހިލައިފިއެވެ.

ޑޯޓްމަންޑުގ ހަމައެކަނި ލަނޑު ޗެލްސީ ކޮޅަށް ޖެހީ އެޓީމުންް އުފެއްދި ކައުންޓަ އެޓޭކެއްގައި ނައިޖީރިއާއަށް އުފަން އެކަމަކު މިހާރު ޖަރުމަނުގެ ރައްވެހިކަން ހޯދާފައިވާ އުމުރުން އެންމެ 21 އަހަރުގެ އުއްމީދީ ފޯވާޑް ކަރީމް އަޑޭމީއެވެ. ޑޯޓްމަންޑުގެ ހާފުގެ ތެރެއިން އަޑޭމީ ހިފައިގެން ދިޔަ ބޯޅަ ގޯލަށް ވައްދާލީ އެންޒޯ ފެނާންޑޭޒް އާއި ކީޕަރު ކެޕާ ކައިރިންވެސް ނައްޓާލުމަށްފަހުއެވެ. އޭގެ ކުރިން ޗެލްސީގެ ޖައޯ ފެލިކްސް ފޮނުވާލި ހަމަލާއެއް އަމާޒުވީ ޑޯޓްމަންޑް ގޯލުގެ ދަނޑިއަށެވެ. މިމެޗުގައި ޗެލްސީން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ޑޯޓްމަންޑުގެ ކީޕަރު ސްވިޓްޒަލޭންޑުގެ ގްރޭގޯ ކޮބެލް ވަނީ މަތަކޮށްފައެވެ.

މިސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާ ޗެލްސީއަށް ދެވަނަ ބުރުން ފުރުސަތު ލިބެން އޮތީ އަންނަ މާޗް މަހު 8 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ދެލަނޑުގެ ފަރަގަކުން މޮޅުވެގެންނެވެ.

ޑޯޓްމަންޑާއި ޗެލްސީ ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://webstories.sonyliv.com/stories/Story_DENqlUWco.html

ޕީއެސްޖީއާ އެއްގްރޫޕެއްގައި މިފަހަރު ހިމެނި، ގްރޫޕުގެ އެއްވަނަ ހޯދި ބެންފީކާއިން ރޭ ބްރޫޖް ބަލިކުރީ ދެވަނަ ހާފުގެ ކުރީކޮޅު ޕެނަލްޓީއަކުން ޖައޯ މާރިއޯ އަދި މެޗް ނިމެން ދަނިކޮށް ޑޭވިޑް ނެރެސް ކާމިޔާބު ކުރި ލަނޑުންނެވެ. ދެވަނަ ލެގް ބެންފީކާގެ ދަނޑުގައި ކުޅޭނީ އަންނަ މާޗް މަހުގެ 8 ވަނަ ދުވަހުގެ ރޭގައެެވެ.

ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ މެޗުތައް ކުރިއަށް އޮތް ހަފްތާގައިވެސް ކުޅޭނެއެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ލިވަޕޫލް އާއި ރެއާލް މެޑްރިޑް، ނަޕޯލީ އާއި ފްރޭންކްފާޓް އަދި ބުދަ ދުވަހުގެ ރޭ ލިޕްޒީގާއި މެންޗެސްޓަރ ސިޓި އަދި ޕޯޓޯ އާއި އިންޓަމިލާން ބައްދަލު ކުރާނެއެވެ.