ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވުމުގެ އިނާމް މިރޭ ހާސިލް ކުރެއްވި ބޭފުޅުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހިދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް ދެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކޮންމެ މަޤާމެއްގައި ތިއްބެވި ކަމަށްވިޔަސް މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި ފަސްޖެހުމެއް ނެތި، ވަފާތެރިކަމާއެކު ކޮށްދެއްވި ޚިދުމަތްތަކަކަށްވާތީ، ޤައުމީ ޚިދުމަތުގެ ތަރާދުގައި އެބޭފުޅުންގެ ޚިދުމަތަކީ ވަރަށް ބުރަދަން ހުރި ޚިދުމަތްތަކެއް ކަމަށެވެ.

"އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅަކާއި، ބައި ޤަރުނާ ކައިރިވާ މުއްދަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވި ބޭފުޅަކު އެބަ ހިމެނިވަޑައިގަންނަވާ. އާދެ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅަކީ މައްޗަންގޮޅި ބޮޑުގަލުމާފަތްގޭ ޞާބިރާ ވަޙީދި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހާ ދިގު މުއްދަތެއްގައި އަންހެން ބޭފުޅަކު ދައުލަތުގެ ޚިދުމަތުގައި ދެމިހުންނެވިކަން އެއީ، އެމަނިކުފާނު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމެއް ކަމަށެވެ. އެއީ ޚިދުމަތުގައި މިހާރު ދެމިތިއްބެވި އަންހެން ބޭފުޅުންނަށް އޭނާ ދެއްކެވި ވަރަށް ރީތި މިސާލެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ޞާބިރާ ވަޙީދު 2016 ވަނަ އަހަރު ދައުލަތުގެ ޚިދުމަތް ނިންމަވާލެއްވީ، 50 އަހަރާއި 8 މަސް ދުވަސް ވަންދެން ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވުމަށްފަހު،" ރައީސް ވިދާޅުވިއެވެ.

އެފަދަ އަނެއް ބޭފުޅަކީ، ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި، ހެންވޭރު އިރުވައި އިސްމާޢީލް ރަޝީދު ކަމަށް ރައީސް ވިދާޅުވިއެވެ. "އޭނާ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ އަތޮޅުތަކާބެހޭ ވުޒާރާގައި. އިސްމާޢީލް ރަޝީދަކީ، 6 އަތޮޅެއްގެ އަތޮޅުވެރިކަން ކުރެއްވި، އަދި ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް. އޭނާއަކީވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ޤައުމަށް ޚިދުމަތް ކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެއް. ކުރެއްވި ކޮންމެ ކަމެއްވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރެއްވި ބޭފުޅެއް،" ރައީސް ވިދާޅުވިއެވެ.

ދައުކަތަށް ޚިދުމަތް ކޮށްދެއްވި 86 ބޭފުޅަކަށް ރައީސް މިރޭ ވަނީ އިނާމް ދެއްވައިފައެވެ. ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް އިނާމު ދޭން ސަރުކާރުން ފެއްޓެވީ 2021 ވަނަ އަހަރުއެވެ. އެހެންނަމަވެސް ދިމާވި އެކި ސަބަބުތަކާހުރެ މިދިޔަ އަހަރު މި އިނާމުތައް ދެވިފައެއް ނުވެއެވެ. 2021 ވަނަ އަހަރު، ބޭއްވި ދެ ޖަލްސާއެއްގައި ޖުމްލަ 223 ބޭފުޅަކަށްވަނީ މި އިނާމު އަރުވައިފައެވެ.

"ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި ޤައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެއް ދޭން އަޅުގަނޑުމެން ނިންމީ، ވަރަށް މުހިންމު ސަބަބުތަކަށްޓަކައި. އެއީ އެބޭފުޅުން އެކޮށްދެއްވި ޚިދުމަތްތަކަކީ، އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެން ވާނެ ޚިދުމަތްތަކަކަށް ނުވާތީ. އެބޭފުޅުން އެ ކުރެއްވި ޚިދުމަތްތަކަކީ، ޙަޔާތުގެ ވަރަށް ބޮޑު ބައެއް ޤައުމީ ޚިދުމަތަށް ހުސްކުރައްވައި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ވެވަޑައިގެންނެވި ޤުރްބާނީއެއް. އަދި އެއީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ފަރުދީ ގޮތުން ޚިދުމަތް ކުރެއްވުމަށް އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް މަތިވެރި ޤަދަރާއި ލޯބި ހާމަކޮށްދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.