ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، އިނާމު ލިބިވަޑައި ނުގަންނަވާ ހަތްދިހަ ބޭފުޅުން އެބަތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރެ ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންނަށް އިނާމު ދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ "މި ޝަރަފު ނޭރުވޭ ކިތައް ބޭފުޅުން އެބަ ތިއްބެވިތޯ ވަރަށް ފަހުން އަޅުގަނޑު ބަލައިލިން. އަޅުގަނޑަށް އެނގުނު ގޮތުގައި، އެ ޢަދަދު 70 އާ ގާތްކުރޭ،" ކަމަށެވެ.

ރައީސް ވިދާޅުވީ އެބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުން ކަމަށެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ޚިދުމަތް ކުރައްވަން ފެށްޓެވީ މީގެ އެތައް އަހަރެއް ކުރީން ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ. އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތް،" ރައީސް ވިދާޅުވިއެވެ.

އެފަދަ ބޭފުޅުންގެ ނަން އިނާމަށް ހުށަހެޅުއްވުމުގައި ދައުލަތުގެ މުއައްސަސާތަކަށް ވެސް އެތައް ދަތިތަކާ ކުރިމަތިވާ ކަމަށާއި، ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުނުވުމަކީވެސް، އެމަނިކުފާނަށާއި އިނާމު ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން އެގޮތަށް ދިމާވިޔަސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެކަން ފެށުމުގެ ގޮތުން، އަޅުގަނޑު މިހާރު ޤަސްތުކުރަނީ، ސާޅީސް ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދަން. މިގޮތަށް ހުށަހެޅޭ ބޭފުޅުންނާވެސް ކޮމިޓީން ބައްދަލުކުރައްވައި، އިތުރު މަޢުލޫމާތު ހޯއްދަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ބޭފުޅުންގެ އަގު ވަޒަން ކުރުމާ ހިސާބުން އެކަން ނިންމައިނުލެވޭނޭ ކަމަށެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ޙިއްސާދާރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި، އެ ބޭފުޅުންގެ ބައިވެރިވުމާއި، އެ ބޭފުޅުންގެ މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަދު އެ ބޭފުޅުން އެ ތިއްބެވީ ދޮށީ ޢުމުރުގެ މަރުޙަލާގައި. ނަމަވެސް، ދިވެހި ޤައުމު ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމުގެ އަޞްލަކީ، އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރު. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ. އެ ބޭފުޅުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.