މުހައްމަދު އާސިރު އިސްމާއީލް ފެނިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ. އޭނާ ފެނިފައިވަނީ ކޮންތާކުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. "މުހައްމަދު އާސިރު އިސްމާއީލް މިރޭގެ ވަގުތެއްގައި ވަނީ ފެނިފައި. އޭނާގެ ހާލު ރަނގަޅު،" ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ސ. މަރަދޫ، ގަސްކަރަ، މުހައްމަދު އިސްމާއީލް އާސިރު ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ފެބުރުއަރީ 5 ވަނަ ދުވަހު ހަވީރު 4:30 ގައެވެ. އެ މައްސަލަ ހުށަހެޅުމުން ފުލުހުން ގެންދިޔައީ އެދުވަހުން ފެށިގެން އާސިރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ހޯދުމަށްޓަކައި މާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައިި ހަރުކޮށްފައިވާ އޭވިއޭޝަން ސެކިޔުރިޓީ ކެމެރާތައް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެއާޕޯޓު ފެރީހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން ޖުމްލަ 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ފުލުހުން ބެލިއެވެ. އެ ބެލިބެލުމުން ފެބުރުއަރީ 4 ވަަނަ ދުވަހު 19:20 އެހައިކަންހާއިރު މުހައްމަދު އާސިރު އިސްމާއީލް ބޮޑުތަކުރުފާނު މަގު، ހުޅުމާލޭ ފެރީޓާމިނަލްކައިރިން ހުދު ޓެކްސީއެއްގައި އެއާޕޯޓަށްގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ފުލުހުންގެ ސީސީޓީވީއިން ލިބިފައިވާ ފުޓޭޖުތައް އެނަލައިޒް ކޮށްގެންގެން ހޯދުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް މިިރޭ (ރޭ) ގެ ވަގުތެއްގައި އޭނާ ފެނިފައިވިޔަސް ފެނުނުތަނެއް އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ އާސިރު ފެނިިފައިވާކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ. އުމަރުން 31 އަހަރުގެ އާސިރު ހޯދުމަށް ފުލުހުން ކުރެއްވި މަސައްކަތަށް އިމްރާންވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.