މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމްގެ ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ވެދުމަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިދިޔަ ޙަފްތާގައި އެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެެއްގައި އެމަނިކުފާނަށް ޖަރޒީ ވެދުމަށްއަރުއްވައި ދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްއެވެ.

ހަތަރު ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.

މީގެ އިތުރުން، އެ އޮފީހުން ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެއްކަމަށާއި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައި ކަމަށެވެ.

ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ. އަދި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީވެސް މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ.

4 ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ކުޅޭ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.