ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް މިއަަދު ފަށައިފިއެވެ.

އާރްޑީސީން ބުނީ މިއީ މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓާ އެ ކޯޕަރޭޝަނާއެކު އެކުލަވާލެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. އަދި 6 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 5 ބައިވެރިއަކު ހިމެނޭ ކަމަށްވެސް އެ ކޯޕަރޭޝަނުންވެސް ބުންޏެވެ.

މީގެއިތުރުން އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ގޮތުން މި ޕްރޮގްރާމްގެ ބައިވެރިން މި ކޯޕަރޭޝަންގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުމައްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށްވެސް 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށްވެސް އާރްޑީސީން ބުންޏެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކަމާއެކު މަސައްކަތް މާހައުލެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި އެފަރާތްތައް ބާރުވެރި ކުރުމަށާ އެފަދަ ފަރާތްތައް މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އާރްޑީސީން ބުނެފައިވެއެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުނީ 30 ޖޫން 2024 ވަނަ ދުވަހުއެވެ.