މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

"ހަލި" ނޫހަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލެސިޓީއިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެއީ 33 އަހަރުގެ ދިވެހި އަންހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދަށް ވެސް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން މިދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ދީފައިވަނީ ފެބްރުއަރީ 17ވީ ހުކުރު ދުވަހު ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ބައެއް މީޑިޔާތަކުން ބަންދުގެ މުއްދަތަށް 15 ދުވަސް ދީފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުކުރެވޭ ދިވެހި އަންހެން ޕައިލެޓަކަށް ކަމަށް ބުނާ ވާހަކައާ ބެހޭ ގޮތުން "ހަލި" ނޫހުން ސުވާލު ކުރުމުން ފުލުހުން ވަނީ ޕައިލެޓަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެފައެވެ. ފުލުހުން ބުނީ ޕައިލެޓަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެދެމީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.