ލަންދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ފުރާވަރު ކޭމްޕަކީ ނ. ލަންދޫ، މާފަރު، ޅޮހި އަދި ކުޑަފަރީ ސްކޫލުގެ ދަރިވަރުން ހިމެނޭހެން 132 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
ފުލުހުން ވިދާޅުވީ މި ބޭއްވުނު 98 ވަނަ ފުރާވަރު ކޭމްޕު ނިންމުމަށް އިއްޔެ ލަންދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ނޯތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެން އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަސީރު، ނ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަބްދުﷲ ބައިވެރިވެލެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މަހު 16 އިން 18 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕުގައި ދަރިވަރުން ދީނީ ކަންކަމަށް އަހުލުވެރިކުރުވައި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވާކަމަށެވެ. އަދި ހެޔޮގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުވެސް ދީފައިވާކަމަށް އެފަރާތުން ވިދާޅުވިއެވެ.
އޭގެ އިތުރުން، ވަގުތަށް ކަމޭހިތުމާއި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދީފައިވެއެވެ. އަދި އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަން ބުނެދިނުމާއެކު ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތައް ބުނެދީފައިވެއެވެ.
އަދި ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާއި ކަންކަމުގައި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތުދިނުމުގެ އިތުރުން އެހެނިހެން މައުލޫމާތު ހިއްސާކުރުމާއެކު ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.