ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމަކީ ނިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި މަހު ސޯޅަ ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މައުލޫމާތުދީފައި ވަނީ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގައި، ދަރިވަރުން ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެކި މައުލޫމާތު ރައްކާތެރިކުރާނެގޮތާއި، އިންޓަނެޓުން ކުރިމަތިވާ ނޭދެވޭ ކަންކަމާއި، އަމިއްލަ މައުލޫމާތު ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތްތަށް ކިޔާދީފައި ވާނެކަމަށެވެ. އަދި އިންޓަނެޓުން ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، ތިމާގެ އަމިއްލަ މައުލޫމާތާއި އާންމު މައުލޫމާތުގެ ތަފާތު ބުނެދީ އިންޓަނެޓުގައި އާންމު ކޮށްގެންނުވާނެ ކަމަށާއި، ދަރިވަރުންނާ ގުޅުންހުރި ރައްކާތެރި އެޕްލިކޭޝަންތަކަކީ ކޮބައިކަމާއި، ރައްކާތެރި ނޫން އެޕްލިކޭޝަންތައް ދެނެގަންނާނެ ގޮތްތައްވެސް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަދިވެސް އޭގެ އިތުރުން، ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ރައްކާތެރިވާނެ ގޮތާއި، އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި، ޒާތީ އެއްވެސް މައުލޫމާތަކާއި، ޕާސްވޯޑު ފަދަ މުހިންމު މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ދިމާވާ ކަންކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.