ގއ. މާމެންދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކާޑެއްދޫ ޕޯސްޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިމަހު ސޯޅައިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، އެ ސްކޫލުގެ ގުރޭޑް 4 އިން ފެށިގެން ގުރޭޑް 9 އާއި ދެމެދުގެ ކްލާސްތަކުގެ ދަރިވަރުން ބައިވެރިވިވެފައެވެ.

ގއ. މާމެންދޫ ސްކޫލުގެ ޖުމްލަ 90 ދަރިވަރަކު ބައިވެރިވި މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީވެސް ފަތަންދަންނަ ކުއްޖަކަށް ހެދުމާއި ކުދިންގެ ހިތުގައި ފެތުމަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ތަފާތު ވައްތަރުގެ ސްޓްރޯކްތައް ބުނެދިނުމުގެ އިތުރުން މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބުނެދީ ފެތުމާގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މާމެންދޫ ސްކޫލުގެ ދަރިވަރުންނަށް ހިންގާ ފަތަން ދަސްކޮށްދޭ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ މިދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.