ސ. މަރަދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ގެއްލުމަށްފަހު ފެނުމާ އެދެދުމެދު ކަންތައް ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އާސިރު ގެއްލުމަށްފަހު ހޯދަމުން ދަނިކޮށް ފެނިފައިވަނީ ވެލާނާ އިންޓަރނޭޝަނަލްއެއާޕޯޓުގެ ޓަރމިނަލް ތެރެއިން ކަމަށެވެ. މިހާތަނަށް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އެންމެފުުރަތަމަ ފުުހުން ބުނެފައިވަނީ އާސިރު ފެނުުވާހަކަ އެކަންޏެވެ. އޭނާގެ ހާލު ރަނގަޅުކަމަށް އޭނާ ފެނުނުރޭ ފުލުހުން ބުނެފައިވެއެވެ. އޭނާ ފެނިފައިވަނީ ޓަރމިނަލްތެރެއިންކަމަށް ފުލުހުން ބުނެފައިވަނީ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރަން ފެށުމުނެވެ.

އާސިރު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ފެބުރުއަރީ 5 ވަނަ ދުވަހު ހަވީރު 4:30 ގައެވެ. އެ މައްސަލަ ހުށަހެޅުމުން ފުލުހުން ގެންދިޔައީ އެދުވަހުން ފެށިގެން އާސިރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ފެނިފައިވަނީ ފެބުރުއަރީ 16 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އޭނާ ފެނުމުން ރާއްޖޭގެ މީޑިއާގައިި ތަފާތު ވާހަކަތައް ފެތުރުނެވެ. އޭނާ ވާހަކަ ނުދައްކާ ކަމަށްވެސް ބައެއް ތަންތަނުން ރިޕޯޓު ކޮށްފައިވެއެވެ.