ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރު ސަސްޕެންޑްކޮށްފި ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ،

ޖޭއެސްސީއިން ވިދާޅުވީ އަހުމަދު އާމިރު ސަސްޕެންޑްކޮށްފައި ވަނީ ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާކަމަށެވެ.

މި މައްސަލައިގައި އާމިރުގެ އެ އަމަލަކީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ގަބޫލު ކުރެވޭ ކަމަށާއި، އެނާ ސަސްޕެންޑްކޮށްފައިވަނީ ދެ ހަފުތާއަށް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ގާނޫނުއަސާސީއާއި ހިލާފަށް އާމިރު އަމަލުކޮށްފައި ވުމުގެ ސަބަބުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ އިއްޔެއިން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ދެ ހަފުތާއަށް މަނާކުރުމަށް ފެންނަކަމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 9 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.