މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އއ. އުކުޅަސް އަދި ގދ. ވާދޫ މީހެކެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންތަކުގެ ތެރެއިން އުކުޅަހުގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

އެގޮތުން، އުކުޅަހު ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

އޭގެ އިތުރުން ވާދޫގައި ހިންގި އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، ވާދޫ ޕޮލިސް ސްޓޭޝަނާއި ގައްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި މަހު ނަވާރަ ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.