ށ.ކޮމަންޑޫގައި ''މެރިޓައިމް ސޭފްޓީ އެވެއާނަސް'' ޕްރޮގްރާމެއް ހިންގައިފިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިއީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު ގުޅިގެން ގެންދިޔަ ޕްރޮގްރާމެކެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކޮމަންޑޫގައި މިމަހު 18 -20 އަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ ސަރުކާރު މުއައްސަސާތަކުން ޖުމްލަ 18 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅޭ މައުލޫމާތާއި އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލު ކުރާނެ ގޮތްތަކުގެ މައުލޫމާތު ދިނުމަށް ހިންގުނު ޕްރޮގްރާމެއްކަމަށެވެ.

މިގޮތުން، މި ޕްރޮގްރާމުގައި ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރާނެ ގޮތާއި، ހާލުގައި ޖެހިފައިވާ އުޅަނދުފަހަރަށް އެހީތެރިވާނެ ގޮތާއި، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ޒަޚަމްވެފައިތިބޭ މީހުންނަށް ސިއްހީ އަވަސް ފަރުވާދިނުން ފަދަ މުހިންމު ބައިތައް ކިޔަވާދީފައި ވެއެވެ. މީގެ އިތުރުން، ރެސްކިޔު ސްވިމިންގގެ ޕްރެކްޓިކަލް ކްލާސްތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެފަރާރުން ވިދާޅުވިއެވެ.

''މެރިޓައިމް ސޭފްޓީ އެވެއާނަސް'' ޕްރޮގްރާމްގައި ކިޔަވާ ދެއްވާފައި ވަނީ އެ ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ސިފައިންނެވެ.