ރާއްޖެ ކޮމަލްވެލްތުގައި ބައިވެރި ކުރުމަށް ހުށަހަޅައިފި

0

ރާއްޖެ ކޮމަލްވެލްތުގައި ބައިވެރި ކުރުމަށް ހުށަހަޅައިފި އެވެ.

Advertisement

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް، ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮނުއްވައިފި ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، މި ސިޓީފުޅުގައި، ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރުކޮށް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމުގައި، ކޮމަންވެލްތްގެ މެންބަރަކަށް ވުން މުހިންމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިފަދަ ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކީ ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ މި ސަރުކާރުން ޤާބޫލުކުރައްވާ އުސޫލެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވެއެވެ. މިގޮތުން، މި ސަރުކާރުގެ ވިސްނުންފުޅަކީ، ކުޑަ އަދި ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމެއްގައި ސުލްހަވެރިކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލު ވެގެން ދިޔަދިއުމުގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވާފައިވެއެވެ. އަދި، ދުނިޔޭގެ ޑިމޮކްރަސީއާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާގުޅޭ ބަހުސްތައް ބައިނަލްއަޤްވާމީ މައިދާނުގައި ސަމާލުކަމަށް ގެނައުމުގައި، ރާއްޖޭގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކިއެކި ފަންނީ އަދި ޤާބިލް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން، ކޮމަންވެލްތްގެ ފަރާތުން މީގެ ކުރިން ދިވެހިންނަށް ލިބެމުންދިޔަ، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ކުޅިވަރުގެ މައިދާނުގައި ފަހިވެފައި ހުރި ފުރުޞަތުތައް ފާހަގަ ކުރައްވައި، އެފަދަ ފުރުޞަތުތަކުގައި ދިވެހިން ރާއްޖެއިން އެކި ރޮނގުރޮނގުން ބޭރުގައި ކުރާ ތަޖުރިބާތައް، ރާއްޖޭގެ ފަންނީ ދާއިރާތަކުގައި ހިއްސާވަމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here